ޣައްޒާ (ޖުލައި 18) : އިސްރާއީލުން އެއްގަމުމަގުން ޣައްޒާއަށް އަރައިގަތުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށާއި ނަމަވެސް އެކަން އިސްރާއީލަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ޙަމާސް ޖަމާއަތުން ބުނެފި އެވެ.

ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ ޚާލިދް މިޝްޢަލް ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަށް ރޭން ފެށިގެން މަސައްކަތްކުރަމުން ގެންދާ ކަމަށާއި ހަމާސްގެ މުޖާހިދުން ރޭ ފަތިހު އިސްރާއީލު ސިފައިންގެ ޔުނިޓަކާ ކުރިމަތިލައި އިސްރާއީލު ސިފައިންގެ އެކަކު މަރާލާފައިވާ ކަމަށެވެ. އަދި އިސްރާއީލުން ޣައްޒާއަށް އަރައިގަންނަނީ ވައިގެ މަގުން ދެމުންގެންދާ ޙަމަލާތަކުން މަގްސަދް ޙާސިލް ނުކުރެވުމުގެ ސަބަބުން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މިއާއެކު އެއްގަމުމަގުން އަރައިގަތުމުން އިސްރާއީލު ސިފައިންގެ ގިނަ ބަޔަކު ފަލަސްތީނު މުޖާހިދުންގެ އަތް ދަށުން މަރުވުމުގެ ފުރްސަތު ވެސް ބޮޑު ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

އިސްރާއީލުން ވެސް ވަނީ އެގައުމުގެ ސިފައިންގެ މީހަކު މަރުވިކަަމަށް އެއްބަސްވެފަ އެވެ. ޣައްޒާގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ބުނީ ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި އދ. ގެ އެދުމުގެ މަތިން ފަސްގަޑީއިރަށް ޙަމަލާތައް ހުއްޓާލުމަށްފަހު ރޭ ހަމަލާ ބަދަލު ކުރަން ފަށާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ސިފައިން ޣައްޒާއަށް އަރައިގަތުމަށް މަސައްކަތް ކުރަނީ ޣައްޒާގެ އުތުރުން ޣައްޒާގެ އުތުރުގައި ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކާއި އިސްރާއީލުގެ އެއްގަމު ސިފައިންގެ ލަޝްކަރަކާ ދެމެދު ދަނީ ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. އިސްރާއީލު ސިފައިން މީގެކުރިން ވެސް އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު ފަލަސްތީނުގެ މުޖާހިދުން ވަނީ އެކަން ހުއްޓުވާފަ އެވެ. އިސްރާއީލުން މިދިޔަ ހަފްތާއިން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތަކުގައި ފަލަސްތީނުގެ 240 މީހުން ޝަހީދުކޮށްލައި 1800 މީހުން ޒަޚަމްކޮށްލާފައިވެ އެވެ.