18 Jul 2014, 14:26
ފަލަސްތީނުގެ ހަނގުރާމަވެރިންގެ ބާރު ކަނޑުވާލުމަށް ކަމަށް ބުނެ، އިސްރާއީލު ސިފައިން ރޭ ޣައްޒާއަށް ދޭންފެށި ބިމުގެ ހަމަލާތަކާއެކު ރަހުމުކުޑަ ޒަޔަނިސްޓުން ޣައްޒާގެ އެކި ހިސާބުތަކަށް ބަރު ހަތިޔާރާއެކު އަރައިގަނެ ތަންތަން ސުންނާފަތި ކުރަމުން ދާކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ބުނެފި އެވެ.
އިސްރާއީލުގެ ސިފައިން އިއްޔެއާ ހަމައަށް ޣައްޒާއަށް ދެމުން ގެންދިޔަ ވައިގެ ހަމަލާތަކުގައި ޣައްޒާގެ 2000 އަށް ވުރެ ގިނަ ތަނަކަށް ހަމަލާދީ ސުންނާފަތި ކޮށްފައި ވާއިރު، އެގައުމުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، 10 ދުވަސް ވަންދެން ވައިގެ މަގުން ދެމުން ގެންދިޔަ ހަމަލާތަކާއެކު ބިމުގެ މަގުން ހަމަލާދޭން ފެށީ، ހަމާސްގެ ރޮކެޓްހަމަލާތަކަށް ހުއްޓުމެއް ނައުމުން ކަމަށެވެ.
ފަލަސްތީނުގެ ހަނގުރާމަވެރިން، އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން ގެންދާ މަރުކަޒުތަކާއި ބިންގަރާސްތައް ފަނާކޮށްލައި ހަނގުރާމަވެރިން ބަލިކަށި ކޮށްލުމަށް ކަމަށް ބުނެ އިސްރާއީލުން މިހާރު ދެމުން ގެންދާ ބިމުގެ ހަމަލާތަކަކީ ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހިންގާ މިފަދަ އެންމެ ބޮޑު ބިމުގެ ހަމަލާއެވެ.
ހަމަލާތައް މެދު ކަނޑާލުމަށް މިސްރު މެދުވެރިވެގެން އެއްބަސްވުމެއް ހުށަހަޅައި ހަމާސްއިން އެއަށް އެއްބަސް ނުވި ކަމަށް އިސްރާއީލުން ބުނަމުން ގެންދިޔަ ނަމަވެސް ހަމާސްއިން ވަނީ، އެފަދަ އެއްބަސް ވުމެއް ރަސްމީ ސިފައެއްގައި މިސްރުން ހުށަހަޅާފައި ނުވާ ކަމަށް ބުނެފައެވެ.
އިސްރާއީލުގެ ހަރުކަށި އަސްކަރިއްޔާއިން ރޭ އެއްގަމު މަގުން ބަރުހަތިޔާރާ އެކު ޣައްޒާއަށް އަރައިގަނެފައި ވާއިރު، އެބައި މީހުންގެ ރަހުމެއް ނެތް ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 19 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ އޮފިޝަލުން ހާމަކުރެއެވެ.
އޭޕީން ބުނެފައި ވާ ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގެ ތެރެއަށް އަރައިގަތުމާއެކު، ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާއަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު ވަރަށް ބޮޑުތަން ވަނީ އިތުރުވެފަ އެވެ. އަދި އިސްރާއީލު ސިފައިން ޣައްޒާގެ ގެތަކަށް އަމާޒުކޮށް ދީފައިވާ ޓޭންކަރު ހަމަލާތަކުން އެއް އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު ޒަހަމްވެފައި ވާކަން ފާހަގަކޮށްލެވެއެވެ.