18 Jul 2014, 14:10
މިސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރައްޔިތަކަށާއި އާއިލާއަށް ޒިންމާވާނޭ ޑޮކްޓަރެއް ހަމަޖެއްސުމުގެ ކުރިން އާއްމުންގެ ސިއްހީ މައުލޫމާތު އެއްކުރުމުގެ މަސައްކަަތް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފުއާދު ގާސިމް މިއަދު ސަން އަށް ވިދާޅުވީ މި މަސައްކަތް މިހާރު އަތޮޅުތަކުގެ ރަށްރަށުގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ. އެ މައުލޫމާތުތައް އެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އާއިލީ ޑޮކްޓަރަށް އެމީހަކާ ބެހޭ މައުލޫމާތު އެނގޭނެ ގޮތްތައް ހަމަޖައްސައި، ޑޮކްޓަރުން ވެސް އެކަމަށް ތައްޔާރު ކުރުވުން ކަމަށެވެ.
"ޕޭޝަންޓުންގެ މެޑިކަލް ހިސްޓްރީއެއް އެކުލަވާލައި، އެ މައުލޫމާތު ރައްކާތެރިކުރުމުގެ މަސައްކަތް ގާތްގަނޑަކަށް މިހާރު މިކުރެވެނީ. އެމަސައްކަތް އެބަކުރިއަށް ގެންދެވޭ ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަތުން މައުލޫމާތު ނަގައިގެންނާއި ހެލްތް ވޯކަރުން ގޭގެއަށް ގޮސްގެން ވެސް،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާއިލީ ޑޮކްޓަރުންގެ ގޮތުގައި ހަމަޖައްސަނީ މެޑިކަލް އޮފިސަރުން ކަމަށާއި އެ ޕްރޮގްރާމް ރޭވިގެންދާ އިރު މީހަކު ބަލިވެގެން ޑޮކްޓަރަކަށް ދައްކަން ދާއިރު ސްޕެޝަލިސްޓުން ކަނޑައެޅުން ފަދަ އެހީތެރިކަން ފޯރުކޮށްދޭނީ އެމީހަކަށް ކަނޑައަޅާފައި ހުންނަ ޑޮކްޓަރު ކަމަށެވެ.
"ސިއްހީ މައްސަލައެއް ދިމާވީމާ ބައެއް ފަހަރު އެބަދޭ އަސްލު ދައްކަން ޖެހޭ ޑޮކްޓަރު ނޫން އެހެން ޑޮކްޓަރަކަށް އެޕޮއިންޓްމަންްޓް ހައްދައިގެން. އަނެއްކޮޅުން ސްޕެޝަލިޓުންނަށް މި ދެއްކެނީ ދުވާލެއްގެ މައްޗަށް މަދު ޕޭޝަންޓަކު. އެހެންވެ އެފަދަ މައްސަލަތައް ވެސް މި ޕްރޮގްރާމް ފެށިގެން ދިޔައީމާ ހައްލުވާނެ،" އޭނާ ވިދާޅުވި އެވެ.
އާއިލީ ޑޮކްޓަރަކު ހަމަޖެއްސުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތް އަތޮޅުތަކުގެ އިތުރުން އައްޑޫ އާއި މާލެގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަން ސާފުކޮށް ނިމޭވަރަކަށް އެ އާއިލާތަކަށް ޑޮކްޓަރުން ހަމަޖައްސަމުން ގެންދާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.