18 Jul 2014, 14:04
އިސްރާއީލުން ޣައްޒާއަށް ބިމުގެ މަގުން ހަމަލާ ދޭންފެށިތާ 12 ގަޑިއިރު ވެސް ނުވަނީސް އެ ހަމަލާ ތަކުގައި މިހާތަނަށް 19 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާ ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ އޮފިޝަލުން ހާމަކޮށްފި އެވެ.
ދެފަރާތުގެ ހަމަލާތައް ހުއްޓައިލުމަށް މިސްރުން މެދުވެރިވެގެން ހުށަހެޅި އެއްބަސްވުމަށް ހަމާސް ޖަމާއަތުން އެއްބަސް ނުވި ކަމަށް ބުނެ، އިސްރާއީލުން ވަނީ އެއްގަމު މަގުން ވަރުގަދަ ލަޝްކަރަކާއެކު ޣައްޒާއަށް އަރައި ހަމަލާތައް ބަދަލުކުރަން ފަށައިފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށްޓަކައި ކަމަށް ބުނެ، ވައިގެ މަގުންނާއި ކަނޑުގެ މަގުންނާއި އަދި އެއްގަމު މަގުން އިސްރާއީލުން ދަނީ ޣައްޒާގެ އެކި ސަރަހައްދު ތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ރޭގެ ދަންވަރުގެ ވަގުތުގައި އިސްރާއީލުގެ ޓޭންކަރުތަކާ ބުލްޑޯޒަރުތައް ޣައްޒާގެ ތެރެއަށް ވަދެގަނެފައި ވާއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން އިސްރާއީލުގެ ރަހުމްކުޑަ މިސައިލް ހަމަލާތަކާއެކު ޣައްޒާގެ މެދުތެރޭގައިވާ އުސް އިމާރާތްތަކުގެ ތެރެއިން ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައި ވާކަމަށް އޭޕީން ބުނެއެވެ.
އިސްރާއީލުގެ ބިމުގެ ހަމަލާތަކުގައި މިހާތަނަށް 19 ފަލަސްތީނީން ޝަހީދުކޮށްލާފައި ވާކަމަށް އެގައުމުގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަކޮށްފައި ވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، ހަނގުރާމަ ވެރިންނާ މިހާތަނަށް ބިމުގެ މަގުން ބަދަލުކުރެވުނު ހަމަލާ ތަކުގައި އޭގެތެރެއިން 14 މީހަކު މަރާލާފައި ވާނެ ކަމަށެވެ.
އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
އެހެން ކަމުން ޝަހީދުކޮށްލާފައި ވާކަމަށް ފަލަސްތީނުގެ އޮފިޝަލުން ހާމަކޮށްފައިވާ 19 މީހުންނާއި، އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ 14 މީހުން އެއީ އެއްބަޔަކު ކަން އަދި މިހާތަނަށް ސާފުވާ ގޮތެއް ނުވެއެވެ. އެއީ ދެބަޔަކު ކަމަށް ވާނަމަ ބިމުގެ މަގުން އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުކޮށްފައިވާ ފަލަސްތީނު ރައްޔިތުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވާނެ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި ރޭ ބަދަލު ކުރެވުނު ހަމަލާތަކުގައި އެގައުމުގެ ސިފައިންގެ އެކަކު ވެސް ވަނީ މަރުވެފައެވެ. އެއީ ވޭތުވެ ދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާ ތަކުގައި މިހާތަނަށް އެގައުމުގެ އަސްކަރިއްޔާއިން މަރުވި ފުރަތަމަ މީހާއެވެ.
އިސްރާއީލުން އެކަކު މަރުވެފައި ވާ ކަމަށް ބުނި ނަމަވެސް ހަމާސްއިން ބުނެފައި ވަނީ، ޣައްޒާގެ ހުޅަނގުގެ ބައިތުއް ލަހިޔާގެ އަވަށެއްގައި ރޭ ހަމާސްގެ މުޖާހިދުން ވަނީ އިސްރާއީލުގެ ސިފައިންގެ ޔުނިޓަކަށް ވަރުގަދައަށް ހަމަލާދީ އެމީހުން ފަހަތަށް ޖައްސުވާފައި ކަމަށެވެ. އަދި އެ ހަމަލާ ތަކުގައި އޭގެ ތެރެއިން ގިނަ ބަޔަކު މަރާލާފައި ވާނޭ ކަމަށް ވެސް ހަމާސްއިން ބުނެއެވެ.
މި މަހުގެ 8 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭންފެށި ވައިގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީޏުގެ 260 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އޭގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން ހިމެނެއެވެ.