18 Jul 2014, 14:04
ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތަށް ބްރޯޑްކާސްޓަރުންގެ އަތުން ނަގާ ފީ ކުޑަކޮށްދެއްވުމަށް އެދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުވައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބްރޯޑްކާސްޓިންގެ ހިދުމަތަކީ ހަރަދު ބޮޑު އަދި ރާއްޖޭގެ ކުޑަ މާކެޓްގައި ވާދަކުރަންޖެހިފައިވާ ހިދުމަތެއް ކަމުގައިވާ އިރު އެ ސިނާއަތް ދެމެހެއްޓުމަށް ޓަކައި ހަރަދު ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އަދި ދިރާގުން ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ އަތުން ކަރަންޓް އަދި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތަށް ނަގާ ފީ، ކޮމާޝަލް ބޭންޑަށްވުރެ ދަށް ބޭންޑެއްގެ ދަށުން ނެގޭނެ ގޮތް ހައްދަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
މީގެ އިތުރުން އެކަމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައި ދެއްްވުމަށް އެދި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރަށާއި ދިރާގުގެ ސީއީ އަށް ވެސް ސިޓީ އެއް ފޮނުއްވާފައިވާ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.