18 Jul 2014, 13:46
ކިޔެވް (ޖުލައި 18): ޔުކްރޭންގެ މަތިން އުދުހެނިކޮށް އިއްޔެ ވައްޓާލި މެލޭޝިޔާގެ ފަސިންޖަރު މަތިންދާބޯޓަށް ޔުކްރޭން ސިފައިން ޙަމަލާދީފައިނުވާ ކަމަށް އެގައުމުގެ ރައީސް ބިތްރޯ ބޯޝިންކޯ ވިދާޅުވެއްޖެ އެވެ.
ޔުކްރޭންގެ ރިޔާސީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުކްރޭންގެ ސިފައިން ޖައްވަށް އަމާޒުކޮށް އިއްޔެ އެއްވެސް ޙަމަލާއެއް ދީފައިނުވާނެ ކަމަށާއި މެލޭޝިޔާގެ ފްލައިޓް އެމްއެޗް 17 ވައްޓާލި ކަމަށް ބެލެވެނީ ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން ކަމުގަ އެވެ. ޔުކްރޭންގެ ރިޔާސަތުން މިމޭރުމުން ވާހަކަ ދައްކާފައިވާ އިރު އެގައުމުގެ ދާޚިލީ ވުޒާރާގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ އެންތުވާން ގިރާންޝްކޯ ވެސް ވަނީ މެލޭޝިޔާގެ މަތިންދާ ބޯޓު ވައްޓާލާފައި ވަނީ ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
އޭނާ ވިދާޅުވީ މެލޭޝިޔާގެ ބޯޓު ވައްޓާލުމަށް ބޭނުންކޮށްފައި ވަނީ ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިންނަށް ރަޝިޔާ އިން ދީފައިވާ އެންޓި އެއަރކްރާފްޓް މިސައިލްއެއް ކަމުގަ އެވެ. ނަމަވެސް ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މިތުހުމަތަށް އިންކާރުކޮށްފަ އެވެ.
ޔުކްރޭންގެ އިދިކޮޅު ލީޑަރެއް ކަމަށްވާ އެލެގްޒެންޑަރު ބުރޮދާއި ވިދާޅުވީ މެލޭޝިޔާގެ މަތިންދާބޯޓު ވައްޓާލީ ޔުކްރޭން ސިފައިން ކަމަށާ އެކަން އެމީހުންކުރީ އިދިކޮޅު ހަނގުރާމަވެރިންގެ ބޮލުގައި އެކަމުގެ ޒިންމާ އެޅުވުމުގެ ރޭވުމެއްގެ ދަށުން ކަމުގަ އެވެ.
މެލޭޝިޔާގެ ގައުމީ އެއަރލައިންސް އަށް ނސްބަތްވާ ބޮއިންގް 777 މަރުކާގެ އެމްއެޗް 17 ފްލައިޓް، އިއްޔެ ހަވީރު ވައްޓާލާފައިވަނީ ނެދަރލޭންޑްސްގެ އެމްސްޓަޑަމް އިން ފުރައިގެން ކުއާލަލަންޕޫރަށް ދަތުރު ކުރަމުން ގެންދަނިކޮށް ޔުކްރޭންގެ އިރުމަތީގެ ސަރަހައްދެއް ކަމަށްވާ ޑޮނެޓްސިކް ގެ ކައރިއަށެވެ.
މިއީ ރަޝިޔާއާއި ޔުކްރޭންގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ރަށެކެވެ. މިހާދިސާގައި އެފްލައިޓުން ދަތުރުކުރި އެންމެން ކަމަށްވާ 297 މީހުން ވަނީ މަރުވެފަ އެވެ. ޔުކްރޭންގެ ބޮޑުވަޒީރު އަރްސިނީ ޔަތްސިނިޔޯކް ވަނީ މެލޭޝިޔާ އެއަރލައިންސް އަށް ނިސްބަތްވާ އެ ބޯޓު ޔުކްރޭންގެ ސަރަހަދަށް ވެއްޓުނު ސަބަބު ހޯދުމަށްޓަކައި ފުޅާދާއިރާއެއްގެ ތަހްގީގެއް ހިންގުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފަ އެވެ.
މެލޭޝިޔާގެ މަތިންދާބޯޓު ޔުކްރޭންގެ މައްޗަށް ވައްޓާލުމާ ގުޅިގެން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށް ފޯނުންގުޅުއްވައި މިކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ޕޫޓިން ވިދާޅުވީ މެލޭޝިޔާގެ ބޯޓު ވައްޓާލުމުގެ ޒިންމާ އުފުލަންޖެހޭނީ ޔުކްރޭން ސަރުކާރުން ކަމުގައެވެ. ވައްޓާލި މެލޭޝިޔާގެ ބޯޓުން އެންމެ ގިނައިން ދަތުރުކުރީ ޑަޗް މީހުންނެވެ. އެއީ 154 މީހުންނެވެ. ދެން އޮސްޓްރޭލިޔާ މީހުންނެވެ. އެއީ 27 މީހުންނެވެ. އެބޯޓުން ދަތުރުކުރީ މެލޭޝިޔާގެ 23 މީހުންނެވެ. (ރޮއިޓާސް)