18 Jul 2014, 13:41
އިންޑިއާގެ ބެންގަލޫރުގެ ދެކުނުގައި ހުންނަ މަޝްހޫރު ސްކޫލެއްގެ މުވައްޒަފުންތަކެއް އެ ސްކޫލުގައި ކިޔަވަމުންދާ ހަ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކޮށްލައިފި އެވެ.
ބީބީސީ އިން ބުނެފައިވާ ގޮތުން، އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. ނަމަވެސް އެ ކުއްޖާ ރޭޕްކޮށްފައިވާކަން އެ ކުއްޖާގެ ބެލެނިވެރިންނަށް އެނގުނީ، އޭގެ ދުވަސްތަކެއް ފަހުން އެ ކުއްޖާގެ ބަނޑުގައި ރިއްސާތީ ގޮސް ޑޮކްޓަރުންނަށް ދެއްކުމުންނެވެ.
އެ މައްސަލައާ ގުޅިގެން އެ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް، ސްކޫލު ބޭރުގައި އަޑު އުފުލައި މުޒާހަރާ ކޮށްފަ އެވެ.
އިންޑިއާގެ ފުލުހުން ވެސް ބުނެފައިވަނީ އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށާއި ނަމަވެސް، އެކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
"ހަ އަހަރުގެ އެ ދަރިވަރު ރޭޕްކޮށްފައި ވަނީ ސެކިއުރިޓީ ގާޑަކާއި ޖިމް ޓީޗަރެއް. ނަމަވެސް އެ ސްކޫލުގައި ގިނަ އަދަދެއްގެ ގާޑުންނާއި ޖިމް ޓީޗަރުން މަސައްކަތް ކުރަމުންދާތީ، އެ ކުއްޖާ ރޭޕްކުރި މީހުން ހޯދަމުން މި ދަނީ މަސައްކަޔް ކުރަމުން،" އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ބީބީސީގައި ބުނެފައިވެ އެވެ.
ރޭޕްގެ އެ މައްސަލައާ ގުޅިގެން އެ ސްކޫލްގެ ޗެއާމަން ރަސްޓަމް ކެރެވަލާ ބެލެނިވެރިންނާއި ބައްދަލުކޮށް ވަނީ، އެކަމަށް މާފަށް އެދިފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުންދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.