ޣައްޒާއާ ދެކޮޅަށް ކުރަމުން ގެންދާ އަނިޔާވެރި ހަނގުރާމަ ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނުކުޅެދިފައިވާ ކަމަށާއި އެ ހަގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރުމަކީ މުސްލިމުންނާއި އިސްލާމީ ގައުމުތަކުގެ މައްޗަށް ވާޖިބެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ފަލަސްތީނުގެ މުސްލިމް ކުޑަކުދިންނާއި އެގައުމުގެ އަހުންނާއި އުހުތުންނަށް އިޒްރޭލުން (ސަހްޔޫނީ) ދެމުން ގެންދާ އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލައި މިއަދު މުޅި ރާއްޖޭގައި ވެސް އިއްވި ހުކުރު ހުތުބާގައި ބުނީ ފަލަސްތީނުގައި ހިނގަމުން އެ ގެންދާ ކަންތައްތަކަކީ އިންސާނީ ތާރީހުގައި ވެސް ނުހިންގޭ ފަދަ ބޮޑު ޖަރީމާއެއް ކަމަށެވެ.

"އެތައް އަހަރެއް ވަންދެން ޙިޟާރުގައި ބައިތިއްބައި، އަސާސީ އެތައް އިންސާނީ ހައްގަކުން މަހުރޫމްވުމާއެކު، އެއުރެންނާ ދެކޮޅަށް ނުހަނު އަނިޔާވެރި އަމަލްތައް އެދަނީ ހިންގަމުންނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

ޣައްޒާއާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ފަލަސްތީންގެ ރައްޔިތުންނާއެކު އިސްލާމީ އުއްމަތްތަކުގެ ރައްޔިތުން ސާބިތުވެ ތިބުމަކީ އިސްލާމީ އުހްވަތްތެރިކަމުގެ ރީތި މިސާލެއް ކަމަށާއި އެ އަނިޔާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަން ޖެހޭ ކަމެއް ކަމުގައި ވެސް ހުތުބާގައިވެ އެވެ.

ބަނދުރު ހަނގުރާމަ އިން އިސްލާމްދީނަށް ނަސްރު ލިބިގެން ދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބަޔާންކޮށްފައި ވަނީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ ހިތްދަތިކަމުން އަރައިގަނެވޭނީ އެންމެހާ މުސްލިމުން އެކަތިގަނޑަކަށްވެގެން ކަމަށެވެ.

ފަލަސްތީންގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާއާ ދެކޮޅަށް ރާއްޖޭގެ ރައްޔިތުން އިހުތިޖާޖު ކުރާ އިރު ގާނޫނުތަކާ ގަވާއިދުތަކުގެ ތެރޭގައި ހަރަކާތްތައް ހިންގުމަށް ވެސް ހުކުރު ހުތުބާގައި ނަސޭހަތްތެރިވެފައިވެ އެވެ. ގައްޒާގައި ތިބި މުސްލިމުންނަށް ކެތްތެރިކަމާއި އީމާންތެރިކަން ދެއްވައި ނަސްރު ދެއްވުމަށް ވެސް ހުކުރު ހުތުބާގައި ވަނީ ދުޣާކޮށްފަ އެވެ.