ހިއުމަން ރައިޓްސް ކޮމިޝަނުގެ ތަހުގީގަކަށް ހާޒިރު ނުވެގެން ޑީޕީއާރުއެސްގެ ޑެޕިއުޓީ ސުޕްރިންޑެންޓް މޫސާ އާޒިމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ ކުރި ނަމަވެސް ސިޓީ އޭނާ އަށް ރައްދު ނުކުރާ ކަމަށް އާޒިމްގެ ސެކްރެޓްރީ ޖެނެރަލް މިއަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަމުން އާޒިމްގެ ސެކްރެޓްރީ ޖެނެރަލް ރިޒްނާ ހަސަން ބުނީ އެޗްއާރުސީއެމުން އެ ސިޓީ އެ އޮފީހަށް ފޮނުވި ދުވަސްކޮޅު އާޒިމް އުޅުއްވީ ވަރަށް ބިޒީކޮށް ކަމަށާއި ގިނަ ވަގުތު ހޭދަ ކުރެއްވީ އޮފީހުން ބޭރުގައި ކަމަށެވެ. އަދި ފަހުން އެ ސިޓީ ރައްދު ކުރުމަށް ހަނދާން ނެތުނީ ކަމަށެވެ.
އާޒިމް ވިދާޅުވީ އޭނާ އެ ދުވަސްކޮޅު އުޅުއްވީ މާފުށި ޖަލުގައި ހަމަނުޖެހުން ހިންގާތީ އެކަންތައް ހައްލު ކުރުމަށް ވަރަށް ބިޒީކޮށް ކަމަށެވެ. އަދި އެ ދުވަސްކޮޅު ގިނައިން އުޅުއްވީ ހޯމް މިނިސްޓްރީ އާއި މާފުށީ ޖަލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން އިސް ގާޒީ އަބްދުﷲ މުހައްމަދު ނިންމަވާލެއްވީ ގެންނަން ޖެހިއްޖެ ނަމަ އާޒިމްގެ ހާޒިރީ ރިކޯޑް ވެސް ކޯޓަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އެޗްއާރުސީއެމްގެ ގާނޫނު 26 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގާ އެންގުމަށް އަމަލު ކުރުމަކީ ދިވެހި ރައްޔިތުންގެ މައްޗަށާއި ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގައި އުޅޭ ކޮންމެ މީހެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އެ މާއްދާގެ ށ. ގައި ބުނެފައި ވަނީ އެފަދަ އަމުރަކަށް ނުކިޔަމަންތެރިވި މީހެއްގެ އަދަބަކީ ތިން މަސް ދުވަހަށް ގޭގައި ބަންދު ކުރުން ކަމަށެވެ. އަދި އެމީހަކު ސަރުކާރު ވަޒީފާއެއްގައި ހުރި ނަމަ ވަޒީފާ އިން ވަކިވާނެ ކަމަށް ވެސް އެ މާއްދާގައިވެ އެވެ.