18 Jul 2014, 13:25
ވޮޝިންގްޓަން (އޭޕީ) – ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން އެމެރިކާގެ ޕައިލެޓުންނަށް މިއަހަރުގެ ކުރީ ކޮޅުގައި ޔޫކްރެއިންގެ ކްރައިމިއާ ސަރަހައްދުގެ މަތިން ނުއުދުހުމަށް އަންގައި އެ އޭޖެންސީގެ ވެބްސައިޓްގައި ވަނީ އިންޒާރު ދީފައެވެ.
އެފްއޭއޭގެ ވެބްސައިޓުގައި އިންޒާރުގެ އެ ނޯޓިސް ޝާއިއުކޮށްފައި މިއަހަރުގެ އޭޕްރިލް މަހުގެ 23 ގައެވެ.
ޔޫއެންގެ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުންނާއި، އެކި ގައުމުތަކުގެ އޭވިއޭޝަން އޮތޯރިޓީން، ހަނގުރާމައާއި އެފަދަ ވަރުގަދަ ކުރިމަތިލުންތައް ހިނގަމުންދާ ސަރަހައްދު ތަކުން މަތިންދާ ބޯޓުތައް ނުއުދުހުމަށް އާންމު ގޮތެއްގައި އިންޒާރު ދޭއިރު އެފަދަ އިންޒާރު ދެނީ ބޯޓު ވައްޓައިލުން ފަދަ ހާދިސާ ތަކުން ރައްކާތެރި ވުމަށްޓަކައެވެ.
އެފްއޭއޭއިން މީގެ ކުރިން ކްރައިމިއާ ސަރަހައްދު މަތިން ބޯޓުތައް ނުއުދުހުމަށް އިންޒާރު ދީފައި ވީ ނަމަވެސް މިރޭ މެލޭޝިޔަން އެއާލައިންގެ ފްލައިޓަކަށް ޔޫކްރެއިން ސަރަހައްދުން ހަމަލާދީ ވައްޓާލާފައި ވާ ހާދިސާގެ ކުރިން އިންޒާރުގެ އެއްވެސް ނޯޓިސްއެއް އެފްއޭއޭއިން ނެރެފައި ނުވާކަން ފާހަގަކުރެވެ އެވެ.
މެލޭޝިޔާ އެއާލައިންގެ އެމްއެޗް17 ޔޫކްރެއިން ސަރަހައްދަށް ވެއްޓިފައި ވަނީ، 295 މީހުންނާއެކު ނެދަލެންޑްސްގެ އަމްސްޓަޑަންއިން ފުރައިގެން ކުއަލަލަމްޕޫރަށް ދަތުރު ކުރަމުން ދަނިކޮށެވެ.
އެމްއެޗް17އިން ދަތުރުކުރި އެންމެން މަރުވެފައި ވާއިރު އޭގެ ތެރޭގައި ނެދަލޭންޑްސް، ޖަރުމަނު އަދި އެމެރިކާގެ ގެ ރައްޔިތުން ހިމެނެއެވެ.
މެލޭޝިޔާގެ ބޯޓު ވެއްޓިފައި ވަނީ މިސައިލް ހަމަލާއެއްގައި ކަމަށްވާއިރު، އެ ހާދިސާއާ ގުޅިގެން ޔޫކްރެއިން ސަރުކާރުން ބުނެފައި ވަނީ، ބޯޓު ވައްޓާލާފައި ވަނީ، ޔޫކްރެއިންގައި ހަނގުރާމަކުރަމުން އަންނަ ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިން ފޮނުވާލި މިސައިލު ހަމަލާއެއްގައި ކަމަށެވެ.