ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން މިހާރު ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް އައު މަރުހަލާއަކަށް ގެންދިއުމުގެ ގޮތުން ބިމުގެ މަގުން ޣައްޒާއަށް ހަމަލާތައް ފެށުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިސްރާއީލުގެ ފައުޖީންނަށް އަންގަވައިފިއެވެ.

ޣައްޒާއަށް އިސްރާއީލީ ފައުޖުތަކުން ދެމުން ގެންދާ ވައިގެ ހަމަލާތައް ފަށައިފައި ވަނީ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ. މިދިޔަ ބުދަ ދުވަހުގެ ހެނދުނު 10 ޖެހީއްސުރެ މެންދުރު ފަހު ތިނެއް ޖަހާންދެން އިސްރާއީލުން ވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓައިލި ކަން އިއުލާން ކޮށްފައެވެ. ބެލެވޭ ގޮތުގައި، ވައިގެ ޙަމަލާތައް މެދު ކަނޑައިލައިފައި ވަނީ އިސްތިރާޖީ ގޮތުން މުރާޖަޢާ ކުރާން ޖެހޭ ކަންކަން މުރާޖަޢާ ކުރުމަށާއި، ބިމުގެ މަގުން ދެވޭ ޙަމަލާއަކަށް ތައްޔާރު ވެވި، މުނާސަބު ވަގުތު އަތުވެއްޖެ ތޯ ތަޙްލީލު ކޮށް ޔަގީން ކުރުމަށް ޓަކައެވެ. ނަމަވެސް އިސްރާއީލުން ބުނާ ގޮތުގައި ހަމަލާތައް މި ގޮތަށް ހުއްޓައިލުމުގެ ބޭނުމަކީ ޣައްޒާގެ އަހުލުވެރީންގެ ޒަރޫރީ ބޭނުންތަކަށް ޓަކައި ބޭރަށް ނުކުމެ އުޅުމުގެ ފުރުސަތު ދިނުމެވެ.

ބިމުގެ މަގުން ދޭން ފެށި ހަމަލާތަކާ މެދު އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނަނީ ޕްރޮޓެކްޓިވް އެޖް އޮޕަރޭޝަނުގެ ނަމުގައި އެމީހުން ކުރިޔަށް ގެންދާތާ ދިހަ ދުވަސްވީ ހަމަލާތައް އިތުރަށް ފުޅާ ކުރަނީ ކަމަށެވެ. އަދި އެމީހުން ބުނަނީ މި ގޮތަށް ނިންމާން ޖެހުނީ ހަމާސްގެ ފަރާތުން ރޮކެޓް ހަމަލާތައް ހުއްޓައިނުލައި ކުރިޔަށް ގެންދާތީ އެ ކަމުގެ އިޖާބައެއްގެ ގޮތުން ކަމަށެވެ.

މިއަދު ނެރުނު ބަޔާނެއްގައި އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައި ވަނީ "ދިހަ ދުވަހުއްސުރެ ސަހަރާ ތެރެއިންނާއި ކަނޑުގެ އައްސޭރިއާ ވީ ދިމާއިން ހަމާސްގެ ފަރާތުން ދެމުން ގެންދާ ރޮކެޓް ހަމަލާތައް ހުއްޓައި ނުލާތީ އާއި ހާލަތު ރަނގަޅު ކުރާން ހަމާސްއިން އިންކާރު ކުރާތީ ބިމުގެ މަގުން ހަމަލާ ދޭން ނިންމާން ޖެހުނީ ކަމަށެވެ."

މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "މި ހަމަލާތަކުގެ މަގުސަދަކީ އިސްރާއީލުގެ މަދަނީންނަށް އެއްވެސް ނުރައްކަލެއް ނެތި ސަލާމަތް ކަމާ އެކު ދިރިއުޅެވޭނެ މަގު ފަހި ވާ ފަދަ މާހައުލެއް ގާއިމު ކޮށްދިނުން" ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހައި ތަނަށް ފަލަސްތީނުގެ 230 އަށް ވުރެ ގިނަ ފަރުދުން ވަނީ ޝަހީދު ވެފައެވެ. އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދު ވި ފަލަސްތީނީންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ.

ބުދަ ދުވަހު ޣައްޒާގެ ސާހިލުގައި ފުޓުބޯޅަ ކުޅޭން ތިބި ކުޑަކުދީންތަކަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން ހަތަރު ކުއްޖަކު ވަނީ ޝަހީދު ވެފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި ޖުލައި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އެމީހުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސިލްސިލާގައި މިހައި ތަނަށް 1960 ހަމަލާ ވައިގެ މަގުން ދީފައި ވާ ކަމަށާއި ޖަވާބުގައި ފަލަސްތީނުގެ ޣައްޒާއިން 1380 ރޮކެޓް ހަމަލާ އިސްރާއީލަށް ދީފައި ވާ ކަމަށެވެ.

އ.ދ އިން ބުނަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 1370 ގެދޮރު ސުންނާފަތި ވެފައި ވާ އިރު، 18000 އަށް ވުރެ ގިނަ މީހުން ގެދޮރު ނެތި މަގުމަތި ވެފައި ވާ ކަމަށެވެ.