ޓީޗަރުންނަށް ހާއްސަކޮށްގެން އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑުން އިމާރާތް ކުރި "އެދުރުހިޔާ"ގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައިގެން އެޕާޓްމަންޓުތައް ކަނޑައަޅައިފި އެވެ.

އިސްކަންދަރު ސްކޫލުގައި މިރޭ ބޭއްވި ގުރުއަތުލުމުގައި އެއް ކޮޓަރީގެ ފުލެޓް ލިބޭ 15 މީހަކާއި ދެ ކޮޓަރީގެ ފުލެޓް ލިބޭ 60 މީހަކު ހޮވާފައިވެ އެވެ. އެދުރުހިޔާއަކީ އެއް ކޮޓަރީގެ 18 އެޕާޓްމަންޓަކާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓެއްގެ މައްޗަށް އެކުލެވޭ 10 ބުރީގެ އިމާރާތެކެވެ.

ގުރުއަތުލުން ނިންމާލުމަށް ފަހު ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތައުލީމީ ފަންޑު ކޮމެޓީގެ ޗެއާ ޕާސަން އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ އެ ފުލެޓްތައް ލިބޭ ފަރާތްތަކާއެކު އަންނަ އާދިއްތަ ދުވަހުން ފެށިގެން އެގުރިމެންޓްތައް ހެދައި ތަޅު ދަނޑި ހަވާލުކުރެވޭނެ ކަމަށެވެ.

"ތަޅުދަނޑި ހަވާލުކުރުމާއެކު އެފަރާތްތަކަށް ފުލެޓްތަކަށް ފަރުނީޗަރު ގެނައުން ފަދަ ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ، ރަސްމީކޮށް މި އެގްރިމެންޓްއަށް އަމަލު ކުރަން މި ފެށެނީ އޮގަސްޓުން ފެށިގެން" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

އެ ފުލެޓްތަކުގެ ތެރެއިން އެއް ކޮޓަރި ފުލެޓެއްގެ އަގަކީ 4000 ރުފިޔާއެވެ. އަދި ދެ ކޮޓަރި ފުލެޓެއްގެ އަގަކީ 5000 ރުފިޔާ އެވެ.

ތައުލީމީ ފަންޑުން 36 މިލިޔަން ރުފިޔާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ލޯންގެ ގޮތުގައި 26 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 62 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ 10 ބުރީގެ އެދުރުހިޔާގައި ހިމެނެނީ، އެއް ކޮޓަރީގެ 18 އެޕާޓްމަންޓަކާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓެކެވެ.

އޭގެ ތެރެއިން، ޓީޗަރުންނާއި އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކުގައި ހިދުމަތްކުރާ ފަރާތްތަކަށް ދޫކުރަން ހަމަޖައްސާފައި ވަނީ 75 އެޕާޓްމަންޓެވެ. ބާކީ ފަސް އެޕާޓްމަންޓަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަށް ގެންނަ ތައުލީމީ ދާއިރާގެ މީހުން ބޭތިއްބުމަށް ހާއްސަ އެޕާޓްމަންޓްތަކެކެވެ.