ކުރިއަށް އޮތް މަސް ދުވަސް ތެރޭ ނުވަތަ ދޮޅުމަސް ތެރޭ ޒުވާނުންގެ މަރުކަޒުތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހަމަކޮށް އެ މަރުކަޒު ތަކަކީ ޒުވާނުންނަށް އެންމެ އެކަށޭނަ ގޮތެއްގައި ބޭނުންކުރެވޭނެ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ގަލޮޅު ޔޫތު ސެންޓަރު ހުޅުވުމަށް މިރޭ އެ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަލީހު ވިދާޅުވީ އަވަސް މުއްދަތެއްގައި އެތަންތަން ފުރިހަމަ ކުރާއިރު ރާއްޖޭގެ އެކި ހިސާބު ތަކުގައި މިހާރު ޖުމްލަ 28 ޔޫތު ސެންޓަރެއް އެބަ ހުރި ކަމަށެވެ. އަދި ސްޕޯޓްސް އެރީނާގެ ޕްރޮޖެކްޓްތަކުގެ ތެރެއިން 34 ސްޕޯޓް އެރީނާއެއް ނިމިގެންދާއިރު މިއަދަދު ވަރަށް ބޮޑުތަން އިތުރުވެގެން ދާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

"ބައެއް މީހުން ބުނޭ ކީއްކުރަންހޭ ޒުވާނުންނަށް އެހާ ބޮޑު ހަރަދެއް ކުރަނީ. ދަންނަވާލަން އޮތީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ދިވެހިރާއްޖެ ތަރައްގީ ބައްޓަން ކުރަންވާ މިސްރާބު ފެށޭ ހިސާބަކީ ޒުވާނުންކަމަށް ވާތީއޭ. އެހެންވީމަ ސަރުކާރުގެ ވިސްނުން ތަންފީޒު ކުރުމަށްޓަކައި އަޅުގަނޑުމެން ޒުވާނުންނާ އެކު މިތިބީ ތައްޔާރަށް،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެކަމަށް އެއްވެސް ފަރާތަކަށް ހުރަހެއް ނޭޅޭނެ ކަމަށާއި ހުރަސްއަޅާ ފަރާތެއް ނަމަ ޖެހޭނީ އެބޭފުޅުންގެ ހަތިޔާރު ބަހައްޓަން ކަމަށެވެ. އަދި ޒުވާނުންގެ ކަންތައްތަކަށް ހުރަސްއަޅާ އެއްވެސް ފަރާތެއްގެ އެއްވެސް ކަމަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުންގެ މަރުކަޒުތަކުގެ މަސައްކަތް ތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހޯމް މިނިސްޓްރީގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިނިސްޓަރު މަލީހު ޝުކުރު އަދާކުރެއްވި އެވެ.