17 Jul 2014, 20:32
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ގާޒާގެ މުސްލިމުންނަށް އެހީވުމަށް ޓަކައި އަދާލަތު ޕާޓީން އިސްނަގައިގެން ފަންޑެއް ހުޅުވައިފި އެވެ.
ނަސަންދުރާ ޕެލެސް ހޮޓަލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި "ގާޒާ ފަންޑް މޯލްޑްވިސް"ގެ ނަމުގައި ހުޅުވި ފަންޑު އިފްތިތާހް ކޮށްދެއްވީ، ރާއްޖޭގެ ގައުމީ ޓީމްގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އެވެ.
ފަންޑު އިފްތިތާހު ކޮށްދިނުމަށް ފަހު އައްސަދު ވަނީ، ރާއްޖޭގެ ބަޔަކު އިސްނަގައިގެން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ފަންޑެއް ހުޅުވައި ދެއްވީތީ، އެފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ޣައްޒާގެ ރައްޔިތުންނަށް ޓަކައި ކިތަންމެ ކުޑަ އަދަދެއްގެ ފައިސާ ކޮޅެއް ނަމަވެސް ހަދިޔާ ކޮށްދިނުމަށް އޭނާ އިލްތިމާސް ކުރި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ، އެ ފަންޑަށް ލިބޭ ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ ގަތަރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށެވެ.
އެގޮތުން ފަންޑަށް ލިބޭ ފައިސާ އިން ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެންމެ ބޭނުންވެފައިވާ ކާނާ އާއި އަނިޔާ ލިބިފައިވާ މީހުންގެ ބޭސްފަރުވާ އަށް ޚަރަދުކުރުމަށް ގަތަރުގެ ރެޑް ކްރެސެންޓްގައި އެދިފައިވާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
ފަންޑު ފޮށި ބަހައްޓާފައި ވަނީ ދެ ތަނެއްގަ އެވެ. އެއީ އިސްލާމީ މަރުކަޒާއި އަދާލަތު ޕާޓީގެ އޮފީހުގަ އެވެ. އަލީ ޒާހިރު ވިދާޅުވީ ކޮންމެ ވަގުތަކު ވެސް އެ ފޮއްޓަށް ފައިސާގެ އެހީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ފަންޑަށް ފައިސާ ޖަމާ ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތްދޭ ދިރާގާއި އުރީދޫއާ ގުޅިގެން އެސްއެމްއެސް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
މިއަދު ހަމައެކަނި މާލޭގައި ފަންޑު ފޮށި ބެހެއްޓި ނަމަވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ފަންޑު ފޮށިތައް ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް އެހީވުމަށް އަދާލަަތު ޕާޓީއާއި ރާއްޖޭގެ ގިނަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކެއް ގުޅިގެން ފަންޑެއް ހުޅުވާފައިވާ އިރު، 2009 ވަނަ އަހަރު ވެސް އެ ޕާޓީން ވަނީ ފަންޑެއް ހުޅުވައި ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދީފަ އެވެ.
އިސްރާއީލުން ފަލަސްތީނަށް ހަމަލާދޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްތަކެއްވެފައިވާ އިރު، އެހަމަލާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުވެފަ އެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދަކަށް ހިމެނޭ ކަމަށް ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ، މީޑިއާ ރިޕޯޓުތައް ބުނެ އެވެ.