17 Jul 2014, 17:22
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު ހާމަކުރި ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖެއަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
މިދިޔަ މަހު ފީފާ ރޭންކިންގައި ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ސާކް ސަރަހައްދުގެ ދެ ވަނަ މަގާމަށް ރާއްޖެ ކުރިއަށް ޖެހިލިއިރު މިފަހަރުވެސް ރާއްޖެ އޮތީ ސަރަހައްދުގެ ދެވަނައިގައެވެ. ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ 145 ވަނަ މަގާމުގައެވެ.
މި ސަރަހައްދުގެ އެއްވަނައިގައި އަދިވެސް އޮތީ އެންމެ ފަހުގެ ސާފް ޗެމްޕިއަންސް އަފްޣާންއެވެ. އެއް ދަރަޖައިގެ ކުރިއެރުމަކާއެކު އަފްޣާން އޮތީ ދުނިޔޭގެ ރޭންކިންގެ 129 ވަނައިގައެވެ.
އިންޑިއާ ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ސަރަހައްދުގެ ތިންވަނައިގައި އޮތް އިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 151 ވަނައިގަ އެވެ. އަދި މިސަރަހައްދުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ޓީމެއްގެ ގޮތުގައި ހަތަރު ދަރަޖައިގެ ކުރިއެރުމަކާ އެކު ބަނގުލަދޭޝް ވަނީ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފަ އެވެ. ދުނިޔޭގެ ރޭންކިންގައި ބަންގާޅު އޮތީ 163 ވަނައިގައެވެ.
ދުނިޔޭގެ ރޭންކިންގައި އެއްވެސް ބަދަލެއް ނައިސް 164 ވަނައިގައި އޮތް ނޭޕާލު އޮތީ ސަރަހައްދުގެ ފަސް ވަނައިގައެވެ. އަދި އެއް ދަރަޖައިގެ ވެއްޓުމަކާއެކު ސަރަހައްދުގެ ހަ ވަނައިގައި މިހާރު އޮތް ޕާކިސްތާން އޮތީ ދުނިޔޭގެ ރޭންކިންގެ 165 ވަނައިގައެވެ.
ސަރަހައްދުގެ ހަތްވަނައިގައި މިފަހަރުވެސް އޮތް ސްރީ ލަންކާއަށް އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ ރޭންކިންގެ 178 ވަނަ ލިބުނު އިރު ސަރަހައްދުގެ ފުލުގައި އޮތް ބޫޓާން އޮތީ އެއް ދަރަޖައިގެ ވެސްޓުމަކާއެކު ދުނިޔޭގެ ރޭންކިންގެ ވެސް ފުލުގައެވެ.