ޒިއުރިކް، ސްވިޒަލޭންޑް (އޭޕީ) - ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 24 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކޮށް ޖަރުމަނު، ފީފާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާ 1-0 ލަނޑުން ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ހޯދި ޖަރުމަނު ވަނީ، ވޭތުވެ ދިޔަ ދުވަސް ތަކުގައި ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ސްޕޭން އަތުން އެ މަގާމު އަތުލައިފައެވެ.

ފައިނަލްގައި ޖަރުމަނު އަތުން ބަލިވި ނަމަވެސް ފީފާ ރޭންކިންގެ ގަދަ ތިނަކަށް ބަދަލު ގެނެސް، ތިން ދަރަޖައިގެ ކުރި އެރުމަކާއެކު އާޖެންޓީނާ ވަނީ، ރޭންކިންގެ ދެވަނަ ހޯދައިފައެވެ. އަދި 12 ދަރަޖައިގެ ކުރިއެރުމަކާއެކު ރޭންކިންގެ ތިން ވަނައިގައި އޮތީ ނެދަލޭންޑްސް އެވެ.

ތަށި ދިފާއުކުރުމުގެ ވަރުގަދަ އަޒުމެއްގައި މިފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލީ ސްޕެއިން ހިތައްވެސް ނުގެނެވޭ ފަދަގޮތަކަށް ބަލިވެ ގްރޫޕް ސްޓޭޖުން މުބާރާތާ އަލްވަދާޢުކިޔަން ޖެހުނު އިރު އެޓީމު ވަނީ، ދުނިޔޭގެ ރޭންކިންގައި އަށް ދަރަޖަ ފަހަތަށް ޖެހިފައެވެ.

ފުރަތަމަ ބުރުން ކެޓުމާއެކު ޕޯޗްގަލްވެސް ވަނީ، ހަތް ދަރަޖައިގެ ވެއްޓުމަކާއެކު ރޭންކިންގެ 11 ވަނައަށް ވެއްޓިފައެވެ. ފަސް ދަރަޖައިގެ ވެއްޓުމަކާއެކު އިޓަލީ، ރޭންކިންގެ 14 ވަނައަށް ދިޔައިރު އިނގިރޭސީން ވަނީ، 10 ދަރަޖައިގެ ވެއްޓުމަކާއެކު ދުނިޔޭގެ ރޭންކިންގެ 20 ވަނައަށް ވެއްޓިފައެވެ.

ދުނިޔޭގެ ރޭންކިންގެ ގަދަ 10އަކަށް ބަލާއިރު ހަތަރު ދަރަޖައިގެ ކުރި އެރުމަކާއެކު ކޮލަމްބިޔާ ހަތަރު ވަނައަށް އަދި ހަ ދަރަޖައިގެ ކުރިއެރުމަކާއެކު ބެލްޖިއަމް ވަނީ ފަސް ވަނައަށް ކުރިއަށް ޖެހިލައިފައެވެ.

އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ ހަވަނައަށް އުރުގުއޭ ޖެހިލި އިރު ހަތަރު ދަރަޖައިގެ ވެއްޓުމަކާ އެކު ބްރެޒިލް ވަނީ ރޭންކިންގެ ހަތްވަނައަށް ގޮސްފައެވެ.

ފީފާގެ ވެބްސައިޓުގައި މިއަދު އާންމު ކުރި ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ހަތް ދަރަޖައިގެ ކުރިއެރުމަކާ އެކު ފްރާންސް ދިހަވަނައަށް އެރިއިރު ސްވިޒަލޭންޑް ވަނީ ތިން ދަރަޖަ ފަހަތަށް ޖެހި ނުވަ ވަނައަށް ވެއްޓިފައެވެ.