17 Jul 2014, 16:59
މިދިޔަމަހުގެ އަށްވަނަ ދުވަހު މިސްރުގެ ވެރިރަށް ގާހިރާގެ ތަހްރީރު މައިދާނުގައި ކުރި މުޒާހަރާއެއްގައި ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ގޯނާކުރި ހަތް މީހަކު އުމުރަށް ޖަލަށް ލުމަށް އިއްޔެ ހުކުމް ކޮށްފި އެވެ.
މިދިޔަ މަހުގެ އަށް ވަނަ ދުވަހު ހިނގި އެ ހާދިސާގައި ތަހުރީރު މައިދާނުގައި މުޒާހަރާކުރި މީހުންގެ ތެރެއިން އަންހެނުންތަކެއް ބަރަހަނާކުރުމަށްފަހު އެމަންޒަރު ވީޑިއޯކޮށް އިންޓަނެޓުގައި ވަނީ އާންމުކޮށްފައެވެ. އެކަމުގެ ސަބަބުން ޖިންސީ ގޯނާ ލިބުނު އަންހެނުންގެ ދިފާއުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ހަޅުތާލު ވެސް ކޮށްފަ އެވެ.
އެ ލާއިންސާނީ ޖަރީމާގައި ޖިންސީ ގޯނާލިބުނު އަންހެނުން ބުނި ގޮތުގައި ގިނައަދަދެއްގެ މީހުންތަކެއް ގޮސް އެމީހުން ވަށާލައި ތޫނު އެއްޗެހި ބޭނުންކޮށްގެން އެމީހުން ލައިގެން ހުރި ހެދުންތައް ވީދާލުމަށްފަހު އެމީހުންގެ ގައިގައި ތަޅައި ވަނީ އަނިޔާކޮށްފަ އެވެ. އެ އަންހެނުންގެ މޫނުމަތިންނާއި ގައިގެ އެކި ތަންތަނުން އަނިޔާލިބުނު ކަމުގެ ނިޝާންތައްފެންނަން ހުރި ކަމަށް ނޫސްއެޖެންސީ އޭޕީ އިން ބުންޏެވެ.
އެމައްސަލައިގައި ހެކިބަސް ދިނުމަށް ޖިންސީ ގޯނާ ކުރުމުގެ އަމަލު ހިންގި މީހުންގެ ކުރިމައްޗަށް އެ އަންހެނުންތައް ގެންދިޔަ އެވެ. އެ މީހުންގެ ކުރިމަތީގައި ހެކިބަސްދިން އިރު ގިނަ އަންހެނުންތަކެއް ވަނީ ހޭނެތިފަ އެވެ. އަދި ލިބުނު ނަފްސާނީ ގެއްލުމެއްގެ ބޮޑުކަމުން އެއް އަންހެނަކު ވަނީ ވަގުތުން ވާގިދޫވެފަ އެވެ.
އެފަދަ ލާއިންސާނީ ޖަރީމާއެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށާއި އެފަދަ އަމަލުތައް ހިންގާ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަގްސަދުގައި މިސްރުގެ ސަރުކާރުން ވަނީ އެމައްސަލައިގެ ހުކުން އިއްވި އިރު ޓީވީއިން ލައިވްކޮށްފައެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި މިސްރުގައި އަންހެނުންނަށް ލިބެމުންއަންނަ ޖިންސީ ގޯނާތަކުގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަން އެހެންވުމުގެ މައިގަނޑު ސަބަބަކީ މިސްރުގައި އެތަކެއް އަހަރުތަކެއް ވަންދެން ވެރިކަން ކުރި ހުސްނީ މުބާރަކް 2011 ވަނަ އަހަރު މަގާމުން ދުރުކުރުމުން މިސްރުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ކަމަށް އޭޕީ އިން ބުންޏެވެ.