ޖުޑީޝަލް ސާވިސް ކޮމިޝަނުން ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސަށް ވެލިޒިނީ ވަޑައިގަތުމުން އެ ބައްދަލުވުން ކެންސަލް ކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ[ޖޭއެސްސީ] މީޓިން ރޫމުގައި މިއަދު މެންދުރު ފަހު 3:00 ގައި ބާއްވަން ކަނޑައެޅި ޕްރެސް ކޮންފަރެންސް ކެންސަލް ކޮށްލުމަށް ފަހު ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ މިއަދު ޕްރެސް ކޮންފަރެންސް ދިނުމަށް ހަމަޖެހިފައި އޮތީ އެ ކޮމިޝަނުގެ ރައީސް އާދަމް މުހަންމަދާއި ނައިބު ރައީސް އަފްރާޝީމް އަލީ ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް ނިއުސް ކޮންފަރެންސް ދެއްވާގޮތަށް އޮތީ. އެހެންވެ ނިއުސް ކޮންފަރެންސް ކެންސަލްވީ،" ޕްރެސް ކޮންފަރެންސް ކެންސަލްވި ކަން އެންގުމުގެ ގޮތުން މީޓިން ރޫމަށް ވަޑައިގަތް އެ ކޮމިޝަނުގެ އޮފިޝަލެއް ވިދާޅުވި އެވެ.
ނިއުސް ކޮންފަރެންސް ކެންސަލްވީ ކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އެންގި އިރު ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު އައިޝަތު ވެލެޒިނީ އިންނެވީ މީޓިން ރޫމުގައި އެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސްގެ އިންތިޒާރުގަ އެވެ.
ބައްދަލުވުން ކެންސަލްވީ ކީއްވެތޯ ސަން އޮންލައިނުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މީޑިއާ ކޯޑިނޭޓާ ހަސަން ޒަހީން އާ ސުވާލު ދެންނެވެމުން ވިދާޅުވީ ޕްރެސް ކޮންފަރެންސް ދެއްވާ ގޮތަށް އޮތީ އެ ކޮމިޝަނުގެ ރައީސް އާއި ނައިބުރައީސް ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ބޭފުޅުން ޕްރެސް ކޮންފަރެންސް އަށް ވަޑައިނުގަންނަވާ ވަކި ހާއްސަ ސަބެއް ވިދާޅުވާން ނޭނގޭ ކަމަށެވެ.
"ރައީސް އާއި ނައިބު ރައީސް [ޕްރެސް ކޮންފަރެންސް] ދެއްވާ ގޮތަށް އޮތީ. މިހެން އަޅުގަނޑަށް ދެންނެވޭނީ. އެ ބޭފުޅުން ބަލިވިކަމެއް އެނގިފައެއް ނެތް. ހަބަރު ޖައްސަވާނެ ގޮތެއް އެނގިލައްވާނީ ނޫސްވެރިންނަށް،" ޒަހީން ވިދާޅުވި އެވެ.
ވެލިޒިނީ ވިދާޅުވީ ޕްރެސް ކޮންފަރެންސް ބާއްވަން އުޅުނީ އޭނާ އަށް "ވަގަށް" ކަމަށާއި އެ ޕްރެސް ކޮންފަރެންސް ކެންސަލްކޮށްލީ އޭނާ ޕްރެސް ކޮންފަރެންސަށް ވަޑައިގަތުމާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑަށް ވަގަށް ޕްރެސް ކޮންފަރެންސް ބާއްވަން އުޅުނީ. އަޅުގަނޑު މިތާ ހުރިހާ ވަގުތަކު ޕްރެސް ކޮންފަރެންސްއެއް ނުބާއްވާނެ. އަޅުގަނޑު ރެސްޓް ކުރަން ޑޮކްޓަރު އަނގަވާފައި އޮއްވައި މިމީހުން ވަގަށް ކަންތައްތަކެއް ކުރަން އުޅޭތީ އަޅުގަނޑު މިތަނަށް އައިސް އޯވާ ޓައިމްގައި ވެސް މަސައްކަތް މި ކުރަނީ." ވެލެޒިނީ ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ މީޓިން ރޫމުން ވެލިޒިނީ ނުކުމެވަޑައިގަތީ ހުރިހާ ނޫސްވެރިން ނުކުތުމުންނެވެ. ވެލިޒިނީ ވިދާޅުވީ ޕްރެސް ކޮންފަރެންސް ކެންސަލްވީ ކަމަށް ބުނެ އޭނާ އެތަނުން ވަޑައިގަތުމުން ޕްރެސް ކޮންފަރެންސް އޭނާ އަށް ވަގަށް ބާއްވަފާނެ ކަމަށެވެ.