ދިވެހި ފުލުހުންނަކީ މަސްތުވާތަކެތީގެ ވަބާއިން ދުރުގައި ތިބި ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއެޅުމުގެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ކުރިޔަށްގެންދާ މަސްތުވާ ތަކެއްޗަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމުގެދަށުން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުގެ ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކޮށްފި އެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ކޮމިޝަނާ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް ހާޒިރުކުރުވައި، ކުޑަކަމުދާތަކެތި ނަގައި ޓެސްޓް ކޮށްފައިވަނީ ކުރިން އެފަދަ ކަމެއް ކުރަން އުޅޭނެކަން އެންގުމަކާ ނުލާ ކަމަށެވެ.

މިޓެސްޓުގެ ނަތީޖާ ދައްކާގޮތުން ކޮމިޝަނާއަކީ މަސްތުވާތަކެތި ބޭނުން ނުކުރައްވާ ބޭފުޅެއްކަން ވަނީ ޔަގީން ކުރެވިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މަސްތުވާތަކެއްޗަށް ޓެސްޓު ކުރަން ފަށާފައިވަނީ 2012 ވަނަ އަހަރު އެކަމަށްޓަކައި ކަނޑައެޅުނު ހާއްސަ އޯޑަރެއްގެ ދަށުންނެވެ. މިއޯޑަރުގައިވާ ގޮތުން ކޮންމެ މަހަކު ވެސް ފުލުހުންގެ ތެރެއިން ވަކި އިންސައްތައެއްގެ ފުލުހުންގެ ކުޑަކަމުދާތަކެތި ނަގައި މަސްތުވާތަކެއްޗަށް ޓެސްޓް ކުރެވޭނެ އެވެ. އެގޮތުން އެމަހަކު ޓެސްޓް ކުރާނެ ފަރާތްތައް ކަނޑައަޅަނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ވަކި ސިސްޓަމެއްގެ ތެރެއިންނެވެ.

ކޮންމެ މަހަކުވެސް އެމަހަކު ޓެސްޓް ކުރަންޖެހޭ ފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ރެންޑަމްކޮށް ނެގުމަށްފަހު އެފުލުހުން ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑަށް ހާޒިރުކުރެވޭއިރު އެއިން އެއްވެސް ފަރާތަކަށް އެފަރާތްތައް ހާޒިރުކުރަނީ މަސްތުވަތާތަކެއްޗަށް ޓެސްޓުކުރަންކަން އެނގިފައެއް ނޯންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިޕްރޮގްރާމުގެ ދަށުން ކޮންމެ މަހަކު ވެސް ޓެސްޓް ކުރެވެމުންދަނީ 8 ފުލުހެކެވެ. މިގޮތުން މިހާތަނަށް 167 ފުލުހެއްގެ ކުޑަކަމުދާތަކެތިނަގައި މަސްތުވާތަކެއްޗަށް ޓެސްޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.