17 Jul 2014, 16:21
ފީފާ ވޯލްޑްކަޕް ރާއްޖޭގައި އެކި ގޮތްގޮތުން ދެއްކުމުގައި އެކި ފަރާތްތަކުން ކަންތައް ކޮށްފައިވާ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ގެއްލުންވެފައިވާ ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލާގައި ގާނޫނީ ފިޔަވަޅު އެޅުމަށް އެ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުޅި މައްސަލަ ދިރާސާކޮށް، އެޅެން ހުރި ފިޔަވަޅުތަކާ ބެހޭ ގޮތުން އެ ކޯޕަރޭޝަނުން ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށެވެ. އަދި ގާނޫނީ ލަފާ ލިބުނުހާ އަވަހަކަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަނޑައަޅައި އެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށް ޓަކައި ހާމަކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ވޯލްޑްކަޕްގެ މެޗުތައް އެ ކޯޕަރޭޝަނުން ލައިވްކޮށް ގެނެސްދީފައި ވަނީ އެ ހައްގު އޮތް، ސެވަން ތްރީ ސްޕޯޓްސްއާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ވޯލްޑްކަޕްގެ މެޗުތައް ދުރަށް ދެއްކުމަކީ އޭގައި ބައިނަލްއަގުވާމީ ފިކުރީ އެތައް ހައްގުތަކަކާއި އިލްތިޒާމްތަކެއް އެކުލެވިފައިވާ އަދި އެކި ގައުމުތަކުގެ ގާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ރެގިއުލޭޓް ކުރެވިފައިވާ ހައްގެއް ކަމަށާއި އެހެންކަމުން އެ ކޯޕަރޭޝަނުން މެޗުތައް ދެއްކުމުގެ ހައްގު ގަނެފައި ވަނީ ވިޔަފާރީގެ އުސޫލުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގެ މެޗުތަކަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނުން އިއުލާންކޮށްފައިވާ އިވެންޓެކެވެ. އަދި އެ އިއުލާނާ ގުޅިގެން ވޯލްޑް ކަޕް ރައިޓްސް ނެގި ކަމަށް ކޮމިޝަނަށް އަންގާފައި ވަނީ، ކޮމިޝަނުން ބުނި ގޮތުގައި، ޓީވީއެމް އާއި ވީޓީވީ އިން އެކަންޏެވެ. ނަމަވެސް ވޯލްޑް ކަޕް ފެށި ރެ އާއި ވިދިގެން އައި ރޭ ވޯލްޑް ކަޕްގެ މެޗުތައް އައިސްޓީވީ އިން ދެއްކި އެވެ. އަދި އޭގެ ފަހުން ރާއްޖޭގެ ކޭބަލް އޮޕަރޭޓަރު، މީޑިއާނެޓް މެދުވެރިކޮށް އިންޑިއާގެ ކުންފުނި، ސޮނީ ސިކްސް އިން ވޯލްޑް ކަޕްގެ މެޗުތައް ދެއްކި އެވެ.
ކޮމިޝަންގެ ލިސްޓެޑް އިވެންޓް ގަވާއިދު ބުނާ ގޮތުން ކޮމިޝަނުން ލިސްޓްކޮށްފައިވާ އިވެންޓެއް ނަގާ ފަރާތަކުން، އެ އިވެންޓް ވިއްކާ ފަރާތަކަށް އެއީ ލިސްޓެޑް އިވެންޓެއް ކަން އެންގުމަކީ އިވެންޓްގެ ރައިޓްސް ނަގާ ފަރާތުގެ ޒިންމާއެކެވެ. އަދި އެކަން އެގްރީމަންޓްގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.