ދެ ފައިގެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެން އައްޑޫއަށް މަސްތުވާތަކެތި ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާ އަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި 23 އަހަރުގެ މީހާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ވެސް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕޮލިސް އިންޓެލިޖެންސާއި އައްޑޫ ސިޓީ ގައި މަސައްކަތްކުރާ ފުލުހުން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގަ އެވެ.

މޯލްޑިވިއަންގެ ކިއު،ޓޫ 102 އިން މާލެއިން އައްޑޫ އަށް ދިޔަ 23 އަހަރުގެ ޒުވާނާ މަސްތުވާތަކެތި އައްޑޫއަށް އެތެރެކޮށްފައިވަނީ އޭނާގެ ދެ ފައިގެ ފަލަމަސްގަނޑުގައި ޓޭޕް އަޅައި ރައްކާކޮށްގެންނެވެ. އޭނާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގުގެ ހަތް ލައްކަ އަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުގީގު ކުރަމުންނެވެ.