އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގައި އަނިޔާވާ ރައްޔިތުންނަށް އެހީތެރިވުމަށް އަމިއްލަ ފުރާނައިގެ ސަލާމަތަށް ވިސްނައިނުލައި ނިކުންނަ އަވަސް ފަރުވާދޭ ޑޮކްޓަރުންނާއި އެމްބިއުލާންސްގެ ޑްރައިވަރުން އެކޮށްދެއްވާ ޚިދުމަތަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

މިއީ ޣައްޒާގައި އަވަސް ފަރުވާދެމުން އަންނަ ޑޮކްޓަރެއް ކަމުގައިވާ އިބްރާހީމް އަބޫކާސްގެ ވާހަކައެވެ.

އަބޫކާސްގެ ޝިފްޓު ފެށުނުތާ އަށް ގަޑިއިރު ވީއެވެ. ކުއްލިއަކަށް އަބޫލްކާސް އާއި އެއްކޮށް މަސައްކަތް ކުރަމުން އަންނަ ސައީދު ޒައިނުއްދީން އިޝާރާތްކޮށްލީ އެމަޖެންސީ ފޯނާއި ދިމާލަށެވެ. އެއިރު އެފޯނު ގަދަ ރަތް ކުލަ އާއި ހުދު ކުލައިން ދިއްލި އަނެއްކާވެސް އިސްރާއީލުން ހަމަލާއެއްދީފި ކަމަށް އިންޒާރުދެމުންދެއެވެ.

ހަމަލާތަށް ފެށިކަމުގެ އިންޒާރާއެކު އުމުރުން 35 އަހަރުގެ އަބޫކާސް އަވަސްވެ ގަތީ، އެމްބިއުލަންސަށް އަރައިގެން އެހާދިސާ ހިނގި ދިމާލަކަށް ދިއުމަށެވެ. ހާދިސާ ހިނގި ސަރަހައްދަށް ދިޔަ މަގުމަތީގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ކޮންމެހެން ވާހަކައެއް ބުނަން ޖެހިއްޖެނަމަ އިޝާރާތަކުން އެކަމެއް އަންގާލައެވެ. މިނިޓްތަކެއްގެ ތެރޭގައި އިތުރު އެމްބިއުލަންސެއް ވެސް އެމީހުނާއެކު އެދިމާލަށް ދާތަން ފެނުނެވެ.

"ގިނަ ފަހަރު ދެ އެމްބިއުލަންސް އެއްފަހަރާ ދާނީ އެތަނަކަށް [ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް] އެއީ ވީހާވެސް ގިނަ މީހުނަކަށް އެހީވާން،" އަބޫކާސް އަލްޖަޒީރާ އަށް ކިޔައިދިނެވެ.

މިފަހަރު އެމްބިއުލާންސްގެ މިސްރާބު ހުރީ އަބޫކާސް އޭނާގެ އަނބިދަރިންނާ އެކު އުޅެމުން އަންނަ ގެ ހުންނަ އަވަށް ކަމަށްވާ ޣައްޒާ ސިޓީގެ އަލް ޒައިތޫނަށެވެ. އަލްޖަޒީރާއާ ވާހަކަދައްކަމުން އަބޫކާސް ބުނީ އެތަނަށް ދިޔުމުގެ ކުރިން އެތަން އޮންނާނެ ގޮތެއް ނޭނގޭ ކަމަށާއި އެމްބިއުލާންސުން ފޭބުމުން އިވޭނީ އެކި ދިމަދިމާލުން މީހުން އެހީއަށް އެދި ހަޅޭއްލަވާ އަޑުކަމަށެވެ.

"އެމްބިއުލަންސް! އެމްބިއުލަންސް! މިދިމާލަށް އާދޭ!" އިސްރާއީލުން ދީފާނެ ދެވަނަ ހަމަލާއަކަށް ބިރުވެތިވެ ހާސްވެފައި ތިބި މީހުން ގޮވާއަޑުއިވޭ ކަމަށް އަބޫކާސް ބުންޏެވެ.

އަނިޔާވެފައި ތިބި މީހުން އެމްބިއުލާންސަށް އެރުވުމަށް ފަހު ބާރުލާފައި ދާނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލު ކަމަށްވާ "އަލް ޝިފާ" އަށެވެ. ހޮސްޕިޓަލަށް ދިޔުމަށް ފަހު އެ ހޮސްޕިޓަލުގެ އޮޕަރޭޝަނަލް ރެސްކިއު ޓީމުން ޕޭޝަންޓުން އެމްބިއުލާންސުން ބާލުވައި ފަރުވާދިނުމަށް ހޮސްޕިޓަލު ތެރެއަށް ގެންދެއެވެ.

އެއަށްފަހު މަސައްކަތު މީހުން އައިސް އެމްބިއުލާންސްގައި ނެތް ބޭހެއް ވެއްޖިއްޔާ ހަމަކޮށް އެމްބިއުލާންސް ސާފުކޮށް ހަދައެވެ. އެހިސާބުން އަބޫކާސް އަނެއްކާވެސް މަޑުކުރަންޖެހެނީ އަނެއްކާވެސް އިސްރާއީލުން ދީފާނެ ހަމަލާއެއްގެ އިންތިޒާރަށެވެ. އެ ވަގުތު ކޮޅުގެ ތެރޭގައި އޭނާ ކުރާކަމަކީ ޤުރުއާން ކިޔަވުމެވެ.

މީގެ ހަ އަހަރު ކުރިން 2008 ގައި އެވަޒީފާއަށް އަލަށް ގުޅުނު އަބޫލްކާސް ބުނިގޮތުގައި އެ ވަޒީފާ އަދާކުރަން ފެށި އިރު އޭނާއަށް ވަރަށް އުނދަގޫވި އެވެ. އިސްރާއީލުން ޣައްޒާގައި މީގެ ކުރިން 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ކާސްޓް ލީޑް" އާއި 2012 ވަނަ އަހަރު ހިންގި "އޮޕަރޭޝަން ޕިލާ އޮފް ޑިފެންސް"ގައި އަނިޔާވި މީހުންނަށް އެހީވެ އެ ހަމަލާތަކުގެ ނިމުން ހަމަލޮލުން ފެނިފައި ހުރި އަބޫލްކާސްއަށް އެ ހަނގުރާމައިގައި ކުރިޔާ ޚިލާފު ތަފާތު ތަކެއް ފާހަގަކުރެވުނެވެ.

"2008ގައި އޮތް ހަނގުރާމައިގައި އިސްރާއީލުން ފޮނުވާލާ މިސައިލުތަކުން އަނިޔާވާ މީހުންގެ މަސްގަނޑު ނުވަތަ އަތާ ފަޔާ ފެންނާނީ ރީތިކޮށް ޑޮކްޓަރަކު ބުރިކޮށްފައި އޮންނަހެން ބުރިވެފައި އޮންނަ ތަން. ނަމަވެސް މިފަހަރުގެ މިސައިލުތަކުން އަނިޔާވާ މީހުންގެ މަސްގަނޑު އޮންނަނީ ވަރަށް ކުދިވެ ގިރިފައި އޮންނަ ފާޑަކަށް." އަބޫލްކާސް އޭނާގެ ތަޖުރިބާ ކިޔާދެމުން ބުންޏެވެ.

ނިމުމެއްނުވާ އެ ހަމަލާތަކުގައި އަނިޔާވާ މީހުނަށް އެހީވަމުން އަންނަ އަބޫލްކާސް ބުނިގޮތުގައި އޭނާއަށް ފެނުނު އެންމެ ހިތާމަވެރި މަންޒަރަކީ އަލް ބަތްޝް އާއިލާގެ 18 މީހުން ޒައިނިސްޓުންގެ މިސައިލަކުން ޝަހީދުވެފައި ވަނިކޮށް ފެނުނު މަންޒަރެވެ. އޭނާ ބުނިގޮތުގައި އެ ގޭތެރޭގައި ތިބި ކުޑަ ކުދީންނާއި، މުސްކުޅީންނާއި އަންހެންވެރީން އަޑުން އަޑުނަގައި ރޮއި ހަދަމުން ދިޔަ އިރު އޭނާއަށް އެންމެ އުނދަގޫވީ، ބުރިވެ އެތަންމިތަނުގައި ހުރި އެކި މީހުންގެ އަތްފައި ހޮވައި އެ ގުނަވަންތައް ވަޅުލުމަށް ކުރި މަސައްކަތް ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ ހަމަލާތައް ދުވަހުން ދުވަހަށް ގިނަ ވަމުން އަންނަ އިރު އަބޫލްކާސްއަށް ވަނީ 24 ގަޑިއިރު ޝިފްޓް ހަދަން މަޖުބޫރުވެ އޭނާގެ އަނބިދަރިންނާއި ދުރުގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުކުރަން ޖެހިފައެވެ.

"އަހަންނަށް ޔަގީން އަހަރެން އެމީހުންނާއި [އަބޫކާސްގެ އާއިލާ] ދޭތެރޭ ފިކުރުކުރާ ވަރަށް އެމީހުންވެސް އަހަރެންނާއި މެދު ފިކުރުކުރާނެ. އެކަމަކު އަހަރެން ޓީވީ އިން ލައިވް ކޮށް މީހުން ސަލާމަތް ކުރަނިކޮށް ފެނުނީމަ އެމީހުނަށް އެނގޭނެ އަހަރެން އަދި ދުނިޔޭގައި ހުރިކަން" އަބޫލްކާސް އަލްޖަޒީރާއަށް ކިޔައިދިނެވެ.

އިސްރާއީލުން އެންމެ ގިނައިން ހަމަލާދެމުން އަންނަ އެއް އަވަށް ކަމަށްވާ އަލް ޒައިތޫނުގައި އޭނާގެ އަނބިމީހާ ފަސް ދަރިންނާ އެކު ދިރިއުޅެމުން އަންނަ އިރު އަބޫލްކާސް 24 ގަޑިއިރުގެ ޝިފްޓެއް ނިންމާލުމަށް ފަހު ދެން އަވަސްވެގަންނަނީ އޭނާގެ އާއިލާގެ ކައިރިޔަށް ދިޔުމަށެވެ.