މިހާރުގެ ސަރުކާރުން އިއުލާނު ކޮށްފައިވާ ފަޅުރަށްތަކުގައި ދިވެހި އިންވެސްޓަރުން ގެސްޓް ހައުސް އަޅައިގެން، ޓޫރިސްޓް ވިޔަފާރި ކުރުމުގެ މަޝްރޫއު، "ގެސްޓް ހައުސް އައިލެންޑް ޕްރޮޖެކްޓް"ގެ ދަށުން ތަރައްގީ ކުރާ ލ. ތުނބުރީގެ ޓޯޓަލް ޔޫޓިލިޓީސްގެ މަސައްކަތް މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔްއެސްސީ)އާ ހަވާލުކޮށްފި އެވެ.

މޯލްޑިވުސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގައި މިއަދު ބޭއްވި ހަފްލާއެއްގައި އެމްޑްބްލިޔްއެސްސީގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓާ އަހުމަދު އުމަރެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓާ އަބުދުއްﷲ ޒިޔަތު އެވެ.

ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒިޔަތު ވިދާޅުވީ އެއެއްބަސް ވުމުގެ ދަށުން ތުނބުރީގެ ފެނާއި ނަރުދަމާ އާއި ކަރަންޓްގެ އިތުރުން ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތް ކުރާނީ އެމްޑަބްލިޔްއެސްސީ އިން ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ތުނބުރީގެ އިންފުރާސްކަލްޗާ ޑިވެލޮޕްމަންޓް ޕުރޮެޖެކްޓްތައް ކުރުމަށް ނިންމާފައި ވަނީ ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށް ޒިޔަތު ވިދާޅުވި އެވެ.

އެމްޑްބްލިޔްއެސްސީގެ މެނޭޖިން ޑައިރެކްޓާ އަހުމަދު އުމަރު ވިދާޅުވީ އެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެ ހިދުމަތްތައް ދޭނީ ތިމާވެއްޓާއި ވަރަށް ރަހުމަތްތެރި ގޮތަށް ކަމަށް އުމަރު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ އެމްޑީ ޒިޔަތު ވިދާޅުވީ ތުނބުރީގެ އިންވެސްޓްމަންޓްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި އެގޮތުން މިހާތަނަށް 25 ބިޑްފޮތް ވިކިފައިވާ ކަމަށެވެ.

ތުނބުރިއަކީ 150 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

އެ ރަށް ތަރައްގީ ކުރަނީ ދިވެހި މެދު ފަންތީގެ ވިޔަފާރިންތަކަށް ފުރުސަތު ދީގެންނެވެ. އެޕުރޮޖެކްޓްގެ ދަށުން އެ ރަށުގެ އެކިއެކި ސަރަހައްދުތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ދެނީ ތަފާތު އެކިއެކި ކުންފުނިތަކަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ޓޫރިޒަމް ދާއިރާގައި މިހާރު ބޮޑެތި އިންވެސްޓްތައް ނުކުރާ ކުންފުނިތަކަށް އިސްކަންދެ އެވެ. އެޕުރޮޖެކްޓްގެ ދަށުން ތުނބުރީގައި 2100 އެނދު ތަރައްގީ ކުރެވޭއިރު އެ ރަށުން 4000 އަށް ވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ބުންޏެވެ.