17 Jul 2014, 15:05
ހުޅުމާލޭގެ ދެވަނަ ފޭހުގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯން އިން 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ލޯނެއް ނަގަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އާ އެކު ފްރޭމްވޯކް އެގްރިމެންޓެއްގައި ރަސްމީކޮށް ސޮއިކުރުމަށް މިއަދު ނަސަންދުރާ ޕެލަސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ޝުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފޭހަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް ބޭންކް އޮފް ސިލޯން (ބީއޯސީ)ން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމާފައިވާ އިރު، އަނެއް 20 މިލިއަން (308 މިލިއަން ރުފިޔާ) ހަރަދުކުރާނީ އެޗްޑީސީގެ ރިޒާވުން ކަމަށް ސުހައިލު ވިދާޅުވި އެވެ.
މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފޭހަށް ބޭންކް އޮފް ސިލޯން އިން ދިނުމަށް ހަމަޖެހިފައިވާ ލޯން އެއްބަސްވުމުގައި މިމަހުގެ ފަހުކޮޅު ސޮއިކުރެވޭ ވަރު ވާނެ ކަމަށް ވެސް ސުހައިލު ވިދާޅުވި އެވެ.
ޑުރެޖިން އިންޓަނޭޝަނަލްއާ އެކު މިއަދު ފްރޭމްވޯކް އެގްރިމެންޓެއްގައި ރަސްމީކޮށް ސޮއިކޮށްފައިވާ އިރު، އެ އެއްބަސްވުމުގެ ދަށުން، އަންނަ މަހުގެ ތެރޭގައި މަސައްކަތް ފަށައި، އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމަން ޖެހެ އެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެއްޓި މަޝްރޫއު އެކެވެ.