11 Jan 2011, 15:59
މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްބީސީ) އިން މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ހާޒިރުވުމަށް އެމްއެންބީސީގެ ބޯޑު މެންބަރު އައިމިނަތު ނަޖީބަށް ޗިޓު ރައްދު ނުކުރެވިގެން ސިވިލް ކޯޓުން އެމްއެންބީސީގެ އޮފީހުގެ ދޮރުގައި އިއްޔެ ޗިޓު ހިއްޕައިފި އެވެ.
އެމްއެންބީސީގެ އޮފީސް ހުންނަނީ ރީބްރޭންޑްކޮށްފައިވާ ދިވެހިރާއްޖޭގެ އަޑުގެ ބައެއްގަ އެވެ.
އައިންތު ނަޖީބަށް ޗިޓު ރައްދު ނުކުރެވިގެން އެމްއެންބީސީގެ އޮފީހުގެ ދޮރުގައި ޗިޓު ހިއްޕިކަން ސިވިލް ކޯޓުން ވަނީ މިއަދު ކަށަވަރު ކޮށްދެއްވާފަ އެވެ. އަދި މީގެ ކުރިން އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ގާޒީ ވެސް ވަނީ އައިންތު ނަޖީބަށް ޗިޓް ރައްދު ނުކުރެވޭ ކަން ފާހަގަ ކުރައްވައިފަ އެވެ.
އެމްއެންބީސީގެ މުވައްޒަފަކު މިއަދު ބުނީ ޗިޓު ހަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެމްއެންބީސީގެ ވެރިޔަކު އެ ޗިޓް ނައްޓާލާފައިވާ ކަމަށެވެ.
އެމްބީސީން އެމްއެންބީސީގެ ބޯޑު ހުރިހާ ބޭފުޅުންގެ މައްޗަށާއި ދައުލަތުގެ މައްޗަށް ދައުވާ ކުރަނީ ގާނޫނާ ހިލާފަށް އެމްބީސީގެ މުދާ ބޭނުން ކުރަމުންދާ ކަމަށް ބުނެ އެވެ. އަދި އެމްބީސީ ހިންގަން ހުރަސް އަޅައި ދަތި ކުރުމަށް ސަރުކާރުން ކުރަމުންދާ ކަންތައްތައް ވަގުތުން ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެ ދައުވާގައި އެދިފައިވެ އެވެ.