ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މެމްބަރަކު ހޮވުމަށް ބާއްވަން ހަމަޖެހިފައިވާ އިންތިޚާބު ފަސްކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ އިންތިޚާބު ފަސްކޮށްފައި ވަނީ ރޯދަ މަސް ނިމެންދެން އިންތިޚާބު ފަސްކޮށްދިނުމަށް ގިނައަދަދެއްގެ ފަނޑިޔާރުން އެދިވަޑައިގަންނަވަމުންދާތީ ކަމަށެވެ.

އެ އިންތިޚާބު ބާއްވަން ކުރިން ހަމަޖައްސާފައި އޮތީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެ އިންތިޚާބު ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.

އެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަނޑިޔާރުންނަކީ ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނާއި ޑްރަގް ކޯޓުގެ ގާޒީ އަލްއުސްތާޒު ޒުބައިރު މުހައްމަދާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާ ފުޅު އަދި ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުއެވެ.