ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ފަނޑިޔާރުގެއާއި އެހެނިހެން މުއައްސަސާތަކުގެ ގުޅިލާމެހިފައިވާ ނިޒާމްތައް މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިކުރާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާ އެއް ކަމަށްވާ ނޭޝަނަލް އިންޓެގްރިޓީ ސިސްޓަމް އެސެސްމެންޓް އިފްތިތާހު ކުރުމަށް މިއަދު ސޯލްޓް ކެފޭގައި އޮތް ރަސްމިއްޔާތެއްގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓާ އައިމިނަތު ހައިފާ ނައީމް ވިދާޅުވީ މުއައްސަސާތަކުގެ ގުޅިފައިވާ ނިޒާމްތަށް މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހި ކުރާކަން އެ ދިރާސާއިން އެނގިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން މުއައްސަސާތަކުގެ މިނިވަންކަމަށް ނޭދެވޭ އަސަރުކޮށް ޖަވާބުދާރީ ކުރުވުމަށް ދަތިކުރުވާ ކަމަށާއި މުއައްސަސާތަކުގެ އުސޫލުތަކާއި ބޭނުންތަށް ސިޔާސީ ބޭނުމަށް އެނބުރުމުގެ ސަބަބުން މުއައްސަސާތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ނުކުޅެދިފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.

ނޭޝަނަލް އިންޓެގްރިޓީ އެސެސްމެންޓް ދިރާސާއަކީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ތައްޔާރުކޮށްފައިވާ އޮނިގަނޑަށް ގައުމުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ދައުރެއް އޮންނަ މުއައްސަސާތަކުގެ ނިޒާމްތަކާއި އުސޫލުތަކުގެ ނަޒާހަތްތެރިކަން ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. އެގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ ގައުމުގައި އެ ދިރާސާކޮށްފައިވާ އިރު މިއީ ރާއްޖޭގައި އެފަދަ ދިރާސާއެއް ކުރި ފުރަތަމަ ފަހަރެވެ.

ކޮރަޕްޝަން ނައްތާލާ ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހުރި ހުރަސްތައް ނައްތާލުމަށް މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާއި ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ހާމަކަމާއެކު ހިންގުމާއި އެކި މުއައްސަސާތަކުގެ މެދުގައި ވިލަރެސް ކުރުން ހަރުދަނާކުރުމަށް އެ ދިރާސާގައި އަލި އަޅުވާލާފައިވާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.

"މިދިރާސާގެ މަގްސަދަކީ މުއައްސަސާތަކުގެ އުސޫލުތަކާއި ނިޒާމްތަކުގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ދެނެގަތުން. އުންމީދުކުރަނީ މި ދިރާސާގެ އަލީގައި މުއައްސަސާތަކުގެ ނިޒާމްތައް ހަރުދަނާކުރުމަށާއި ދެކޮޅަށް މަސައްކަތް ކުރުމަށް ފަސޭހަވެގެން ދާނެ ކަމަށް،" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކްޓިވް ޑިރެކްޓަރު މަރިޔަމް ޝިއުނާ ވިދާޅުވި އެވެ.

އެ ދިރާސާގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ކޯޓުތަކާއި ސިވިލް ސާވިސްއާއި ސިޔާސީ ޕާޓީތަކާއި އިލެކްޝަން ކޮމިޝަނާއި އެޓާނީ ޖެނެރަލް އޮފީހާއި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހިމެނޭ މުއައްސަސާތަކުގެ އިތުރުން މީޑިއާ އާއި މަދަނީ މުޖުތަމައު އަދި ވިޔަފާރި ދާއިރާއަށް ތަފްސީލުކޮށް ބަލާލާފައިވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.