17 Jul 2014, 13:28
އަތޮޅުތަކަށް ޚާއްސަކޮށްގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދިޔަ އަތޮޅު ފުޓްބޯޅަ މުބާރާތް ދެ އަހަރު ދުވަހުގެ މެދު ކެނޑުމަކަށް ފަހު، އަލުން ބާއްވަން ނިންމައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެފްއޭއެމްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، މިފަހަރުގެ އަތޮޅު މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، މިއަދު (17 ޖުލައި 2014) އިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ކްލަބް ޖަމިއްޔާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ސިޓީ ފޮނުވާނީ އެރަށެއްގެ ރަށު ކައުންސިލަށް ކަމަށް ޖަވާ ވިދާޅުވި އެވެ.
ޖަވާ ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު މުބާރާތް ފަށަން ހަމަޖެހިފައި ވާ އިރު، އެކި އަތޮޅު ތަކުގައި މުބާރާތް ކުރިއަށް ގެންދާނޭ ތާރީހުތަކާއި މުބާރާތާ ބެހޭ އިތުރު މައުލޫމާތު، ޓީމުތައް ބައިވެރިވާ މިންވަރަށް ބަލުމަށްފަހު އެފްއޭއެމުން ހާމަކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި މުބާރާތް ހުޅުވާލާފައި މިވަނީ، ބައިވެރިވާން ބޭނުންވާ ހުރިހާ ކްލަބް ޖަމިއްޔާ ތަކަށް ވެސް ޓީމުތައް ބައިވެރި ކުރެވޭ ގޮތަށް. އެހެން ކަމުން އެއް ރަށަކުން ގިނަ ޓީމުތަކެއް ނެރުމުގެ ފުރުސަތުވެސް އެބައޮތް. އަދި އަތޮޅަކުން ބައިވެރިވާނެ ޓީމުގެ އަދަދު ނޭނގޭތީ އަޅުގަނޑުމެން މުބާރާތް ގެންދާނޭ ގޮތުގެ މައުލޫމާތު ހިއްސާ ކުރާނަން ބައިވެރިވާ ޓީމުތައް އެނގުމުން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭއެމުން އަތޮޅު ކައުންސިލް ތަކާއެކު ބޭއްވި މަޝްވަރާތަކަށް ފަހު، މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ، ކައުންސިލް ތަކުގެ ފުރިހަމަ އެއްބާރުލުމާ އެކު ކަމަށް ޖަވާ ވިދާޅުވި އެވެ. އަދި އަތޮޅު ތަކުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ބޭނުންވާ އިރު، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައި މަދުވެގެން 21 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ހިމަނާން ޖެހޭ ގޮތަށް އެފްއޭއެމްގެ އެކްސްކޯއިން މިފަހަރު ނިންމާފައި ވާ ކަމަށް ވެސް ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
"އެފްއޭއެމުން އަތޮޅު ކައުންސިތަކާއި އަދި ކްލަބްތަކާ ވާހަކަ ދައްކާފައި އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައި މި ވަނީ، މިއަހަރުގެ މުބާރާތް ވެސް އޭޖް ކެޓަގަރީއެއް ނުލައި ކުރިއަށް ގެންދަން. އެހެން ނަމަވެސް އެކްސްކޯއިން ނިންމާފައި ވަނީ މިމުބާރާތުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމާއި ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ދިނުމުގެ ގޮތުން މުބާރާތުގެ ޓީމު ތަކުގައި 21 އަހަރުން ދަށުގެ ފަސް ކުޅުންތެރިން ހިމަނަން ޖެހޭނެ ކަމަށް،" ޖަވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގައި ބާއްވާ މުބާރާތްތަކާ ޚިލާފަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމަކީ ޚަރަދުތަކެއް ވެސް ހިނގާނޭ ކަމަކަށް ވާތީ މިފަހަރުގެ މުބާރާތުގެ މެޗު އޮފިޝަލުންގެ ގޮތުގައި އަތޮޅުތަކުގައި ތިބި ރެފްރީން ބޭނުން ކުރަން ނިންމާފައި ވާ ކަމަށެވެ.
"މި މުބާރާތަކީ މުޅި ރާއްޖޭގައި ކުރިއަށް ދާ މުބާރާތަކަށް ވާތީ ވަރަށް ބޮޑެތި ހަރަދުތަކެއް ވެސް ހިނގާނެ މުބާރާތެއް. އެހެން ކަމުން އަޅުގަނޑުމެން ކޮންމެވެސް ވަރަކަށް އިސްކަން ދޭނަން ރަށްރަށުގެ ރެފްރީން މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ދޭން. އެއީ ރެފްރީންނަކީ ވެސް ހަމަ ޕާޓްއޮފް ދަ ގޭމް. އެހެންކަމުން ރެފްރީންވެސް އެބަ ޑިވެލޮޕް ކުރަން ޖެހޭ،" ޖަވާ ވިދާޅުވި އެވެ.
އަތޮޅު ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ، 2011 ވަނަ އަހަރު އެވެ. އެ މުބާރާތުގައި ވެސް 12 އަތޮޅަކުން އެކި ރަށްރަށުގެ ޓީމުތައް ބައިވެރިކޮށްފައި ވެއެވެ.
ދިގު މުއްދަތަކަށް މެދު ކެނޑިފައި އޮތުމަށް ފަހު މުބާރާތް އަލުން ފަށާއިރު މުބާރާތް ކުރިއަށް ގެންދާ ފޯމެޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެފްއޭއެމުން މިއަދު ބުންޏެވެ.