އަމިއްލަ ކްލިނިކްތަކުން ދޫކުރާ ބޭސް ސިޓީތައް އައިޖީއެމްއެޗުގެ ބޭސް ސިޓީތަކަށް ބަދަލު ކުރުން އޮގަސްޓް މަހުން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.

އައިޖީއެމްއެޗުން ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން ބޭސް ސިޓީ ބަދަލު ކުރުން ހުއްޓާލަން ނިންމީ އަމިއްލަ ކްލިނިކް ތަކުން ދޫކުރާ ބޭސް ސިޓީތަކަށް އާސަންދައިން ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމާ ގުޅިގެން ކަމަށެވެ.

ހެލްތު އިންޝުއަރެންސް އާސަންދައިގެ ހިދުމަތް ނުލިބޭ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދެއްކުމަށް ފަހު ވެސް އާސަންދައިގެ ދަށުން ޓެސްޓްހެދުމާއި ބޭސްނެގުން ފަދަ ކަންތައްތައް ކުރެވޭނެ މަގު ފަހިކޮށް ދިނުމުގެ ގޮތުން، އައިޖީއެމްއެޗުން ވަނީ އަމިއްލަ ކްލިނިކް ތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުން ދޫކުރާ ބޭސް ސިޓީތައް އެ ހޮސްޕިޓަލުގެ ބޭސް ސިޓީއަށް ބަދަލުކޮށް އާސަންދަ ހަމަޖައްސައިދީފަ އެވެ.