މިދިޔަ އަހަރާއި އަޅާބަލާއިރު، މި ރަމަޟާން މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ޖިނާއީ ކުށުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ މިންވަރު ބޮޑުތަން ދަށްވެއްޖެ އެވެ.

ފުލުހުންނަށް މިއަހަރާއި މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ހުށަހެޅިފައިވާ ކުށުގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ އާއި އަޅާބަލާއިރު، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ 38 ޕަސެންޓް ދަށްވެފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާގައި ފުލުހުންނަށް 662 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ހުށަހަޅާފައި ވަނީ، 413 މައްސަލައެވެ. މިއީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާއާ އަޅާބަލާއިރު، 249 މައްސަލަ ދަށް އަދަދެކެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަަތަމަ ދެ ހަފްތާގެ ތެރޭގައި ފުލުހުންނަށް 216 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި އެ އަދަދު ވަނީ 104 މައްސަލަ ދަށްވެފަ އެވެ.

އެއީ، މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާއާ އަޅާބަލާއިރު، 112 މައްސަލަ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާގައި ހުށަހެޅިފައިވާ ފޭރުމުގެ މައްސަލަތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ރޯދަ މަހުގެ އެ މުއްދަތުގައި 39 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެ އަދަދު ވަނީ 17 މައްސަލަ އަށް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި މާރާމާރީގެ 25 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރު ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި އެ އަދަދު ވަނީ 19 މައްސަަލަ ދަށްވެފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި މަސްތުވާތަކެތީގެ 92 މައްސަލައެއް ހުށަހެޅިފައިވާއިރު، މިއަހަރު އެ މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވަނީ 55 މައްސަލައެކެވެ.

މަގުބޫލު ސަބަބެއް ނެތި ރޯދަ ދޫކޮށްލުމުގެ 31 މައްސަލައެއް މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ހުށަހެޅިފައިވާއިރު، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ހުށަހެޅިފައިވަނީ އެފަދަ ފަސް މައްސަލައެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޓްރެފިކް މައްސަލަތައް މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދެ ހަފްތާ ތެރޭގައި ޓްރެފިކްގެ 70 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވަނީ 87 މައްސަލައެކެވެ.