ތ. ބުރުނީ ފަޅުތެރެއަށް ގިނަ އަދަދަކަށް ރާގޮނޑި ވަންނަމުން އަންނަތާ މަހެއްހާ ދުވަސް ވެއްޖެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެރަށު ފަޅުތެރެއަށް ރާގޮނޑި ވަނުމަކީ ވަރަށް ކުރީ ޒަމާނުން ސުރެ ހިނގަމުން އަންނަ ކަމެކެވެ. މިފަހަކަށް އައިސް އެރަށު ފަޅު ތެރެއަށް ރާގޮނޑި ވަންނަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ. އަދި އެމަސްތައް ހިފުމަށް އެރަށުގެ ކުދި ބޮޑު ދެ ޖިންސުގެ މީހުން ފޯރީގައި ވަގުތު ހޭދަކުރެ އެވެ.

ބުރުނީ ކައުންސިލްގެ ނައިބް ރައީސް ހަދީޖާ އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ މިދިޔަ މަހުން ފެށިގެން ގިނަ ދުވަސް ދުވަހު އެރަށު ފަޅު ތެރެއިން ގިނަ އަދަދެއްގެ ރާގޮނޑި ހިފަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފަހުން ރާނގޮޅި ހިފީ މިދިޔަ ހޯމަ ދުވަހު ކަމަށާއި އެދުުވަހު އެކަނި ވެސް 5000 އަށް ވުރެ ގިނަ ރާގޮނޑި ހިފާފައިވާ ކަމަށް ހަދީޖާ ވިދާޅުވިއެވެ.

"ދޭތެރެ ދޭތެރެއިން ދާޖަހައިގެން ރާގޮނޑި ހިފަމުން ދަނީ، އެކަމުގައި އަންހެން ފިރިހެން ހުރިހާ ރައްޔިތުންވެސް މަސައްކަތް ކުރޭ،" އޭނާ ބުންޏެވެ.

އޭނާ ވިދާޅުވީ މަސްހިފުމުގައި އިސްކޮށް އުޅޭ މީހުން ރައްޔިތުންނަށް މަސްތައް ބަހަމުން އަންނަ ކަމަށާއި މަސްތައް ބަހަމުން ދަނީ ހަމަހަމަ ގޮތެއްގައި ކަމަށެވެ.

އެމަސްތައް ހިއްކުމަށްފަހު ވިއްކުމަށްޓަކައި މާލެ ފޮނުވަމުން އަންނަ ކަމަށާއި އެކަމުން އެރަށު ރައްޔިތުންނަށް ބޮޑު އާމްދަނީއެއް ލިބެމުން އަންނަ ކަމަށް ވެސް ކައުންސިލްގެ ނައިބް ރައީސް ވިދާޅުވި އެވެ.