ޕާކިސްތާނުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ ތާލިބާން ޖަމާއަތުގެ ހަތިޔާރު އެޅި ބަޔަކު ރޮކެޓް ހަމަލާތަކެއް އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް ދީފި އެވެ.

އަފްޣާނިސްތާނުގެ ސިފައިންގެ ޖެނެރަލެއް ކަމަށްވާ އަފްޒަލް އަމަންއާ ހަވާލާދީ ނޫސްއެޖެންސީ އޭޕީ އިން ބުނެފައިވަނީ، ހަތިޔާރު އެޅި ބަޔަކު ކާބުލް އިންޓަނޭޝަންލް އެއާޕޯޓަށް ދެ ރޮކެޓް ހަމަލާއެއް ރޭ ފަތިހުގެ ވަގުތެއްގައި ދީފައިވާ ކަމަށެވެ.

ރޮކެޓު ހަމަލާތަކެއް ދީފައިވަނީ އެއާޕޯޓާއި 700 މީޓަރު އުތުރުގައި ހުރި ހަދަމުންދާ އިމާރާތެއްގައި ތިބެގެން ކަމަށްވެސް އަމަން ވިދާޅުވި އެވެ.

ތާލިބާނުންގެ ތަރުޖަމާން ޒަބިހުއްލާހް މުޖާހިދު ވަނީ ކާބުލްގެ މައި އެއާޕޯޓަށް ދިން އެ ހަމަލާގެ ޒިންމާ އެ ޖަމާއަތުން ނަގާ ކަމަށް ބުނެފަ އެވެ.

ޖެނެރަލް އަމަން ވިދާޅުވީ، އެއާޕޯޓަށް ދިން ރޮކެޓް ހަމަލާތަކުގައި އެއްވެސް ފްލައިޓަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް ގިނަ އަދަދެއްގެ ފްލައިޓްތަކެއް ކެންސަލް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އެއާޕޯޓް ރަންވޭގެ ސަލާމަތީ ކަންކަން ބެލުމަށްފަހު އުދުހުންތައް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމަލާދިން ތާލިބާން މީހުންގެ ތެރެއިން މިހާތަނަށް ދެ މީހަކު އަފްޣާނިސްތާންގެ ސިފައިން ވަނީ މަރާލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ތާލިބާންގެ ހަނގުރާމަވެރިންނާއި އަފްޣާނިސްތާންގެ ސިފައިންނާ ދެމެދު އަދިވެސް ހަމަލާތަށް ބަދަލުކުރަމުންދާއިރު، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ނޭޓޯގެ އިންޓަނޭޝަނަލް ސެކިއުރިޓީ އެސިސްޓެންސް ފޯސް ގެ ހަނގުރާމަ މަތީ ޖެޓްތައްވެސް ކާބުލްގެ މަތިން ޕެޓްރޯލް ކުރަމުންދާ ކަމަށް އަމަން ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ހަމަލާތަކެއް މިއަދު ދީފައިވާއިރު، އެގައުމުގެ އިރުމަތީ ސަރަހައްދުގައި އޮންނަ ޕަކްތިކާ ޕްރޮވިންސްގެ މިސްކިތަކާއި މާރުކޭޓެއް ކައިރީގައި އިއްޔެ، އަމިއްލަ އަށް މަރުވެގެން ދިން ކާރު ބޮމުގެ ހަމަލާއެއްގައި 89 މީހަކުވަނީ މަރުވެފަ އެވެ.