މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) ގެ ގޮފިތައް އުފެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

އެމްޑީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ޕާޓީގެ ގައުމީ ކޮންގްރެސް މިއަހަރު ސެޕްޓެމްބަރު މަހުގެ 19 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް އެ ޕާޓީގެ ގައުމީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ގައުމީ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ގޮފިތަށް އުފެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ގޮފިތައް އުފެއްދުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ 3:00 ގެ ކުރިން އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތްވާގޮތުގެމަތިން ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު އެމްޑީއޭގެ އޮފީހަށް ހުށައެޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

ގޮފިތައް އުފެއްދުމުގައި އަމަލުކުރަން ޖެހޭނެގޮތުގެ ގައިޑްލައިން އެމްޑީއޭގެ ހެޑް އޮފީހުން ބަނދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށް ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

ގޮފިތައް އުފެއްދުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ 7973551 ނަންބަރު ފޯނަށް ގުޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.