17 Jul 2014, 12:33
ކުޑަކުދިންގެ މައްސަލަތައް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ މިންވަރު 51.1 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބުނެފި އެވެ.
އެ ޔުނިޓަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 50 މައްސަލައެއް ހުށަހެޅިފައި ވާ އިރު މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި 98 މައްސަލަ ހުށަހަޅާފައި ވެއެވެ.
އެ މުއްދަތުގެ ތެރޭގައި އެ ޔުނިޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ބޮޑެތި މާރާމާރީތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މާރާމާރީގެ 18 މައްސަލައެއް އަދި މަސްތުވާތަކެތީގެ 40 މައްސަަލައެއް ހުށަހަޅާފައިވެ އެވެ.
އެ މުއްދަތުގެ ތެރޭގައި އެ ޔުނިޓަށް ހުށަހަޅާފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި ބޮޑެތި ވައްކަންތަކުގެ 10 މައްސަލައަކާއި އަމުރަށް ނުކިޔަމަންތެރިވުމުގެ 10 މައްސަލައަކާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ 5 މައްސަލައެއް އަދި ބަނގުރާ ބުއިމުގެ 3 މައްސަލައަކާއި ބާލިގުނުވާ ކުޑަކުދިންނާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ 2 މައްސަލައަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ 2 މައްސަލައެއް ހިމެނެ އެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ފިރިހެން ކުދިންގެ މައްސަލަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 88 ފިރިހެން ކުއްޖެއްގެ މައްސަލަ އެޔުނިޓަށް ހުށަހެޅިފައި ވާ އިރު އަންހެން ކުދިންގެ ހުށަހެޅިފައި ވަނީ 10 މައްސަލަ އެކެވެ. ކުށްކުރާ ކުދިންގެ އުމުރު ފުރާއަށް ބަލާއިރު އެންމެ ގިނައީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ.
ކުށްކުރާ ކުޑަކުދިންގެ ނިސްބަތަށް ބަލާއިރު ސްކޫލްގައި އުޅޭ ކުށްކުރާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 36 ޕަސެންޓަކީ ސްކޫލްގައި އުޅޭ ކުދީންގެ މައްސަލަ އެވެ.