ދިމިޝްގު (ޖުލައި 17) : ސޫރިޔާގެ ދައުލަތް ރޫޅާލައި އެގައުމުގައި ފިތްނަ އުފައްދައި ގައުމު މުޅިން ސުންނާފަތިކުރުމަށް ބޭރުގެ ފަރާތްތައް އަޑީގައި ތިބެގެން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކާ ކުރިމަތިލުމުގައި ރައްޔިތުން ނަމޫނާ ދައްކާފައިވާ ކަމަށް ވިދާޅުވެ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވާހަކަ ދައްކަވައިފި އެވެ.

ހަތް އަހަރުގެ ރިޔާސީ އިތުރު ދައުރަކަށް ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ސޫރިޔާގެ ޕާލަމެންޓްގައި ދެއްވި ޚިތާބެއްގައި ބައްޝާރު ވިދާޅުވީ ގައުމުތައް އަޅުވެތި ކުރުމަށް ބޮޑެތި ބާރުތަކުން މަސައްކަތް ކުރަމުން ގެންދާ މަންޒަރު ދުނިޔެއިން ފެންނަމުންދާ މިދުވަސްވަރުގައި ސޫރިޔާގެ ރައްޔިތުން އެމީހުންގެ ބިމަށް ބޭރުގެ އިސްތިއްމާރީ ބާރުތަކާއި އެބާރުތަކުގެ އެޖެންޓުންނަށް ފުރްސަތުނެތް ކަން ހާމަކޮށްދެމުން ގެންދާކަމުގަ އެވެ. އަދި އޭނާގެ ޒަޢާމަތުގައި ސޫރިޔާގެ ރައްޔިތުން އިންތިޚާބު ބާއްވައިގެން "ޑިމޮކްރަސީ"ގެ "ނަމޫނާ" ވެސް ރައްޔިތުން ދައްކައިފި ކަމަށް ބައްޝާރު ވިދާޅުވި އެވެ.

ބައްޝާރު ރިޔާސީ އިތުރު ދައުރަކަށް ހުވާކުރެއްވި އިރު އޭނާގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަ ކުރަމުން ގެންދާ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ސޫރިޔާގެ ދޮޅުލައްކައަށްވުރެ ގިނަ ރައްޔިތުން މަރުވެ އެތަށް ލައްކަބަޔަކު ޒަޚަމްވެ އަށް މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ ޙާލުގައިޖެހި ރެފިއުޖީންނަށްވެފަ އެވެ. އަދި ސޫރިޔާގެ ބޮޑުބައެއްވެސްވަނީ ހަލާކުވެ ވީރާނާވެގެން ގޮސްފަ އެވެ. މީގެތެރޭގައި އެގައުމުގެ ބޮޑެތި ސިޓީތައް ހިމެނެ އެވެ. ސޫރިޔާގެ ގިނަ ސިޓީތަކާއި ރަށްތައް ވަނީ އެގައުމުގެ ދާޚިލީ ހަނގުރާމައިގާ މުޅިން ވީރާނާވެ ބިމާ ހަމަވެފަ އެވެ.

ސޫރިޔާގައި ދާޚިލީ ހަނގުރާމަފެށުނީ ބައްޝާރުގެ އަނިޔާވެރި ވެރިކަމުގެ ނިޒާމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ހަތިޔާރާނުލައި ސުލްޙަވެރިކަމާ އެކު ތެދުވުމުން ބަރުހަތިޔާރު ބޭނުންކޮށްގެން އާންމުންގެ ގިނަ ބަޔަކު މަރަން ފެށުމުން ބޭރުގެ މަދަދުލިބޭ އެގައުމުގެ ސިޔާސީ އިދިކޮޅު ފަރާތްތައް ހަތިޔާރު އަޅައިގެން ސަރުކާރާ ދެކޮޅަށް ނުކުތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިސްރުގެ އިސްލާމީ ފިކުރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ވެރިކަން މިސްރުގެ ސިފައިން ވައްޓާލުމުން އިޚްވާން ޖަމާއަތުގެ މެންބަރުން ވެސް ހަތިޔާރު އަޅައިގެން މިސްރުގެ އިންގިލާބީ ސަރުކާރާ ދެކޮޅަށް ނުކުތް ނަމަ ސޫރިޔާގައި އުފެދުނު ފަދަ އަނިޔާވެރި ދާޚިލީ ހަނގުރާމައެއް މިސްރުގައި ފެށުނީހެވެ.

ނަމަވެސް މިސްރުގެ ސިފައިން ކޮންޓްރޯލްކުރާ ސަރުކާރުން މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އެތަށް ސަތޭކަ ބަޔަކު މަރައި އެޖަމާއަތުގެ ލީޑަރުން އުމުރަށް ޖަލަށްލުމަށް ހުކުމްކުރުމުން ވެސް އިޚްވާން ލީޑަރުންނާއި މެންބަރުންނާއި ތާއީދުކުރާ ފަރާތްތަކުން ގެންދަނީ ހަތިޔާރުގައި ނުހިފައި ސުލްޙަވެރިކަމާ އެކު އިޙްތިޖާޖް ކުރަމުންނެވެ. މިއާ ޚިލާފަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ގައުމަށާއި ރައްޔިތުންނަށް ނުބަލައި އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ މަދަދު ހޯދައި ހަތިޔާރުގައި ހިފުމުން ބައްޝާރު ވެސް ހަރުކަށިކަން ކުރިޔަށްނެރެ އެމީހުންނާ ދެކޮޅަށް ހަނގުރާމަ ކުރުމާ އެކު އެއްވެސް ފަރާތަކުން ގޮތްދުނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ސޫރިޔާވަނީ ހަލާކުވެ މީގެ އެތަށް ގަރުނެއް ފަހަތަށް ވެއްޓިފަ އެވެ. (ނޫސްއެޖެންސީތައް)