11 Jan 2011, 15:15
މިއަދު ހެނދުނު މީހެއްގެ އަތުން ފޭރުނު މީހަކާއި ތޫނު ހަތިޔާރާއެކު ފޭރެން އުޅުނު މީހަކު ހިފެހެއްޓި ފުލުހުންނަށް ޕޮލިސް ކޮމިޝަނާ ސާބަސް ދެއްވައިފި އެވެ.
ފުލުހުން ބުނީ މަގުމަތިން މީހެއްގެ އަތުން ފޭރިގަތް މީހަކާއި ތޫނު ހަތިޔާރު ހިފައިގެން ފޭރެން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލު ކުރި ފުލުހުންނަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު ސާބަސް ދެއްވައި ހަނދާނީ ލިޔުން މިއަދު ދެއްވާފައިވާ ކަމަށެވެ.
މަޖީދީ މަގުގައި ހުންނަ ވެސްޓަން ޔުނިއަން މަނީ ޓްރާންސްފާ ކައިރީ ތޫނު ހަތިޔާރު ހިފައިގެން މިއަދު ފޭރެން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހާ، މަގުމަތި ބެލެހެއްޓަން އުޅުން ފުލުހުން ހިފަހައްޓާފައި ވަނީ ހެނދުނު އެވެ.
އެމީހާ ހިފަހައްޓާފައި ވަނީ އިތުރު މީހަކާއެކު ވެސްޓަން ޔުނިއަން ކައިރީ ސައިކަލެއްގެ މަތީގައި ތިއްބައ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ ތަނަށް ދިއުމުން ބާރު ސްޕީޑުގައި ސައިކަލުގައި ދުއްވާ، ފިލަން މަސައްކަތްކުރަނިކޮށެވެ.
ފުލުހުން އެމީހުން ހުއްޓުވާފައި ވަނީ މަޖީދީ މަގު އެލްމޮބައިލް ފިހާރައާ ކައިރިންނެވެ. އެވަގުތު ސައިކަލް ފަހަތުގައި އިން މީހާ ވަނީ ފިލާފަ އެވެ. މި ހާދިސާގެ ތެރޭގައި ފުލުހަކަށް އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެދެމީހުން ދުއްވި ސައިކަލުގެ ނަން ބޯޑަކީ އަމިއްލައަށް ހަދާފަ ހުރި ބޯޑެއް ކަމަށާއި ސައިކަލު ޗެކްކުރި އިރު، ފޭރޭ މީހުން، މީހުންނަށް ހަމަލަ ދިނުމަށް ބޭނުންކުރާ ކަހަލަ ކަޓަރެއް އޮތް ކަމަށެވެ.
މިއަދު ހެނދުނު ހިނގި ދެވަނަ ހާދިސާގައި ބްރަދާސް މޮޓޯސް ކައިރިން މީހެއްގެ މޯބައިލް ފޯނަކާއި ވޮލެޓެއް ފޭރިގަތް މީހަކުވެސް އެ ސަރަހައްދުގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ ހިފަހައްޓައި ފޭރުނު ތަކެތި އޭގެ ވެރިފަރާތާ ހަވާލުކޮށްދީފަ އެވެ.