30 Mar 2010, 16:42
14:30
ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ނުވަތަ ޑރ.ޑީޑީގެ ބައްޕައަށް އޭނާ އަނިޔާކުރައްވައި، ކޮއްޕާލެއްވުމާ ގުޅިގެން ވެއްޓިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުން އަންނަ ކަމަށް ޑރ. ޑީޑީގެ ބައްޕަ ވިދާޅުވެއްޖެ އެވެ.
ޑރ. ޑީޑީއާ އެކު ގ. ދަތުގޭގައި ދިރިއުޅުއްވާ އޭނާގެ ބައްޕަ، ސ. ހުޅުދޫ، ބަހާރީވިލާ، އުމުރުން 87 އަހަރުގެ އަބްދުﷲ ނަހީފް މިއަދު ވިދާޅުވީ، ރޭ 8:30 ހާއިރު އެ މާރާމާރީ ހިނގީ ވަރަށް ބަލި ހާލުގައި އެ ގޭގައި ދިރިއުޅުއްވާ އޭނާގެ އަނބިކަނބަލުން ނުވަތަ ޑރ. ޑީޑީގެ މަންމައާ ޑރ. ޑީޑީ އަޅާނުލައްވާތީ އެކަމާ ހިތްދަތިވެގެން އެ ވާހަކަ މީހެއް ކައިރީގައި ދެއްކެވުމާ ގުޅިގެން، އެކަމާ ޑރ. ޑީޑީ ހިތްޕުޅުހަމަނުޖެހިގެން ކަމަށެވެ. އެގޮތުން އޭނާ އުޅުއްވާ ކޮޓަރީގެ ތަޅުދަނޑި ދެއްވުމަށް ޑރ. ޑީޑީ އެދިވަޑައިގަތުމުން އެއްޗެއްސާއެކު ގެއިން ނެރިލެއްވުމުން ނުނީ ތަޅުދަނޑި ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އަދި ހަމަ އެ ވަގުތު ޑރ. ޑީޑީ އޭނާގެ ނޭފަތްމަތީގައި ވަރަށް ބާރަށް ޖައްސަވައި މޭގައި އަޅާކޮށްޕާލެއްވުމާ އެކު ވެއްޓުނީ ކަމަށް ވެސް ނަހީފު ވިދާޅުވި އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އަންހެން ދަރިއެއްގެ ދެ ކުދިންނާއި އެގޭގައި ގެންގުޅޭ ނޯކަރުމީހާ ކަމަށާއި އޭނާގެ ވާތުފައިގެ އުކުޅުވަޅުގެ ކަށިގަނޑުގައި ރެނދުލާފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ނަހީފު ވިދާޅުވި އެވެ. އަދި ރޭގެ ހާދިސާގެ ތަފްސީލް، ބަލި އެނދުގައި އޮންނަވައިގެން ނަހީފު ވިދާޅުވެދެއްވި އެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓަރ ޑރ. ޑީޑީ މިއަދު ވިދާޅުވީ އޭނާގެ ބައްޕަގެ ގައިގާ އޭނާ ޖެއްސެވި ކަމަށް ބައްޕަ އެ ވިދާޅުވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެކަމުގެ އަޑީގައި ސިޔާސީ ކުލައެއް ޖެހިފައިވާ ކަމަށެވެ. އަދި ބައްޕަ ގާތު ރޭ ވިދާޅުވިހާ ވެސް ވާހަކައަކީ އެ ތަޅުތަނޑިއަކީ ގޭ އެންމެންނަށް ވެސް ބޭނުންކުރެވޭނެ ގޮތަށް އޮންނަންޖެހޭ ތަޅުތަނޑިއެއް ކަމުން އެތަޅުދަނޑި ގޭގައި ގެންގުޅޭ މީހާއަށް ދެއްވުމަށް ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.