ވޯލްޑް ބެންކް އިން ރާއްޖެ އަށް 6.5 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

ވޯލްޑް ބެންކް ސައިޓްގައި ބުނެފައިވާ ގޮތުން އެ އެހީ އަކީ ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖްމަންޓް ދާއިރާ ހަރުދަނާ ކުރުމަށްވާ އެހީއެކެވެ. އެގޮތުން އެ އެހީގެ ސަބަބުން ރާއްޖޭގެ ފައިނޭންސް ދާއިރާ ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ބުނެފައިވެ އެވެ.

ވޯލްޑް ބޭންކް އިން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ސަރުކާރުގެ ބަޖެޓް ކުރެޑިބިލިޓީ އާއި ޓްރާންސްޕޭރަންސީ ކުރުމަށް އެހީތެރިވާނެ ކަމަށެވެ.

ރާއްޖޭގެ ފައިނޭންސް ދާއިރާ ހަރުދަނާ ކުރުމަށް ވޯލްޑް ބެންކްއިން ވަނީ މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފަ އެވެ.

ވޯލްޑް ބެންކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ އިކޮނޮމިސްޓް ކްރިތިސިރީ ރާޖަތާ ވިޖެވީރާ ވިދާޅުވެފައި ވަނީ "ރާއްޖޭގައި ސަބްސިޑީތައް ދިނުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ގެންގުޅެން ޖެހޭ. ރާއްޖޭގައި ސަބްސިޑީ ދެމުންދަނީ އެއަށް އެންމެ ބޭނުންވާ މީހުންނަކަށް ނޫން، އެހެންކަމުން އެކަމަށް ބަދަލުގެންނަން ޖެހޭ،" ކަމަށެވެ.