އިސްރާއީލާއި ފަލަސްތީނާ ދެމެދު ޙަމަލާތައް ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުމުގައި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނިފައިނުވާތީ އެހުށަހެޅުން ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކޮޅުހެދުމުން އިސްރާއީލުގެ އުދުވާން ހުއްޓުވޭނެ އިތުރު ގޮތްތަކާ ބެހޭ ގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުގެ އިސްވެރިންނާއި ރައީސް މަހްމޫދު އައްބާސް ގާހިރާގައި މަޝްވަރާކުރައްވައިފި އެވެ.

މިކަމަށްޓަކައި ޢައްބާސް ރޭގައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ދެޖަމާއަތް ކަމަށްވާ ޙަމާސް އާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ލީޑަރުންނާ ގާހިރާގައި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. ފަލަސްތީނުގެ ދާއިރާތަކާ ޙަވާލާދީ އަލްޖަޒީރާ ބުނާގޮތުންފަލަސްތީނުގެ ޝަރުތުތަކަށް އިސްރާއީލު ވެސް ބޯލަނބާގޮތަށް އިސްރާއީލުގެ އުދުވާން ހުއްޓުވޭނެ ފޯމިއުލާއަކާބެހޭ ގޮތުން ޢައްބާސް ރޭގައި ވަނީ ޙަމާސްގެ އިސްލީޑަރެއް ކަމަށްވާ މޫސާ އަބޫމަރްޒޫގް އާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ނައިބު ޒަޢީމް ޒިޔާދު އަބޫ ނައްޙާލާ އާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އައްބާސް، މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ބައްދަލުކުރެއްވުމަށް ފަހު މިކަމުގައި ތުރުކީއާއި ގަލްފުގެ ގައުމުތަކުގެ ވެރިންގެ އެހީތެރިކަން ހޯއްދެވުމަށް ޓަކައި މިގައުމުތަކަށް ވެސް މިއަދާއި މާދަމާ ޢައްބާސް ވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ.

އިސްރާއީލާއި ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޖަމާއަތްތަކާ ދެމެދު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ދެކޮޅުހެދީ އެހުށަހެޅުމާ ބެހޭ ގޮތުން އެޖަމާއަތްތަކާ މަޝްވަރާކޮށްފައި ނުވުމުގެ އިތުރުން އެޖަމާއަތްތަކުގެ ޝަރުތުތައް ވެސް އޭގައި ހިމެނިފައި ނެތުމުން ކަމަށް ޙަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ސާމީ އަބޫޒުހްރީ ވިދާޅުވި އެވެ. އަލްޖަޒީރާ އަށް ދެއްވި ބަސްދިގަތުމެއްގައި އޭނާ ވިދާޅުވީ ޙަމަލާތައް ހުއްޓާލުމަށް ޙަމާސްއާއި އިސްލާމިކް ޖިހާދު ޖަމާއަތުން ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުމާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޒަމާންވީ ޙިސާރުގެ އަނިޔާވެރި ފިޔަވަޅުތައް ނައްތާލުން ހިމެނުނު ނަމަވެސް މިއިން އެއްވެސް ކަމެއް މިސްރުގެ ހުށަހެޅުމުގައި ނެތެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދެއްކުރަމުން ގެންދާ ޙަމާސާއި އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ އެޖަމާއަތްތަކުން ޙަމަލާތައް ހުއްޓާލުމުން އޭގެ ބަދަލުގައި އިސްރާއީލުން ހަމައެކަނި ޙަމަލާތައް ހުއްޓާލުން ގަބޫލުނުކުރެވޭނެ ކަމަށާ މީގެ އަށެއްކަ އަހަރުކުރިން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ލާއިންސާނީ ފިޔަވަޅުތަކަކީ އިސްރާއީލުގެ ޙަމަލާތަކަށްވުރެ ވެސް ޣައްޒާގެ ރައްޔިތުންނަށް އަނިޔާވެރި ފިޔަވަޅުތަކެއް ކަމުން އެފިޔަވަޅުތައް ނިމުމަކަށް ގެނައުމުން ނޫނީ އިސްރާއީލާ ދެކޮޅަށް ދޭ ރޮކެޓް ހަމަލާތައް ހުއްޓާނުލާނެ ކަމުގަ އެވެ. މިނޫންގޮތަކަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ ނަމަ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ އަތްތަކުގައި ކަސްތަޅުއެޅި އިސްރާއީލުގެ އަނިޔާވެރި ހިސާރުގެ ދަށުގައި ޣައްޒާގެ ރައްޔިތުން ތާއަބަށް ތިބެންޖެހޭނެ ކަމަށާ އެއަށް ވުރެ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޝަރަފާއި ކަރާމާތުގައި ޝަހީދުވެގެންދިޔުން ވެސް މާ ރަނގަނޅު ކަމަށް އެދެޖަމާއަތުން ބުނެ އެވެ.
އިސްރާއީލުން އިއްޔެވަނީ ޣައްޒާއަށް ދެމުން ގެންދާ އުދުވާން ކުރިޔަށްވުރެވެސް ވަރުގަދަކޮށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ދާޚިލީ ވުޒާރާއަށާއި ފަލަސްތީނުގެ ޖަމާއަތްތަކުގެ ލީޑަރުންގެ ގެދޮރަށް ވެސް ހަމަލާތައްދީފަ އެވެ. މީގެ އިތުރުން ޣައްޒާގެ އަތިރިމަތީގައި ކުޅެންއުޅުނު ހަތަރުކުއްޖަކަށް ވެސް ހަމަލާދީ އިސްރާއީލުން ވަނީ އެހަތަރުކުދިން ޝަހީދު ކޮށްލާފަ އެވެ.
ފާއިތިވި 9 ދުވަހުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނު ރައްޔިތުންގެ އަދަދު 122 އަށް އަރައި ޒަޚަމްވީ މީހުންގެ އަދަދު 1300 އަށްއަރާފައިވާ އިރު ޝަހީދުކޮށްލި މީހުންގެ ތެރެއިން 70 އިންސައްތައަކީ އާންމުން ކަމަށާ އާންމުންގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްޙަތާބެހޭ ދާއިރާއިން ބުނެ އެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދޭ ޙަމަލާތަކުގެ މަގްސަދަކީ އިސްރާއީލުގެ އސިްތިއްމާރުގެ ދަށުގައިވާ ފަލަސްތީނުގެ އަނެއް ސަރަހައްދު ކަމަށްވާ ހުޅަނގު އައްސޭރީގެ ޙާލަތު އޮތްގޮތަށް ޣައްޒާއަކީވެސް އިސްރާއީލުގެ އިސްތިއްމާރާއި އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އަޑުނުއުފުލާ އަދި ރެސިސްޓްވެސް ނުކުރާ ތަނަކަށް ހެދުމެވެ.

އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ރެސިސްޓް ނުކުރާނަމަ ސުލްހައިގެ ނަމުގައި ފަލަސްތީނާއެކު ނަތީޖާ ނުރެވޭ ދިގުލީ ވާހަކަތަކެއް ހަމައެކަނި ދައްކާލަ ދައްކާލާ އޮތުމުން ފަލަސްތީނުގެ ބިންތަކުން ނުފާބައި އަދި ރެސިސްޓް ކުރުމުގެ ހަމަލާއަކާ ކުރިމަތިލާންނުޖެހި ފަލަސްތީނުގެ ބިންތައް ހިފައިގެންއަމާންކަމާއި އެކު އޮތުުމުގެ ފުރްސަތު އިސްރާއީލަށް ތަނަވަސްވާނެ އެވެ. މިފަދަ ޙާލަތެއްގައި ދުނިޔޭގެ ކަންކޮޅުތަކުން ޔަހޫދީން ގެނަސްގެން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިކުރުވުމަށް އިސްރާއީލުން ހިންގާ ޔަހޫދީ ސެޓްލްމެންޓްގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުގެ ފުރްސަތު އެއްވެސް ބޮލުގައި ރިހުމެއްނެތި އިސްރާއީލަށް ތަނަވަސްވެގެންދާނެ އެވެ. އޭރުން ކުރިޔަށްއޮތް ދިހަވަރަކަށް އަހަރުތެރޭގައި ފަލަސްތީނުގެ ހުރިހާ ބިމެއްގައި ޔަހޫދީން ވަޒަންވެރި ކުރުވާނެ އެވެ. އޭރުން އޮންނާނީ ސުލްހައިގެ ނަމުގައި ވެސް އިސްރާއީލާއެކު ދައްކަންޖެހޭ ވާހަކައެއް ނޯންނަ ހިސާބަށް ފަލަސްތީނުގެ ބާކީއޮތް ބިންކޮޅުގައި ވެސް ޔަހޫދީން ވަޒަންވެރި ކުރުވިފަ އެެވެ. އޭރުން މުޅި ފަލަސްތީނު ޔަހޫދީންގެ ތަނަކަށް ހެދުނީ އެވެ.

މިހިސާބުން ފަލަސްތީނުގެ ދައުލަތެއް އުފައްދާނެ ބިމެއް ފަލަސްތީނަކު ނޯންނާނެ އެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު އުދުވާން ހިންގައި މީހުން މަރަމުން ގެންދަނީ ޣައްޒާ ކޮންޓްރޯލްކުރާ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތައް މިފުރްސަތު އިސްރާއީލަށް ނުދޭތީ އެވެ. މިފުރްސަތު އިސްރާއީލަށް ތަނަވަސްވެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ވެރިކަމުގެ ނިޒާމަކީ އިސްރާއީލުގެ އިސްތިއްމާރާ ދެކޮޅަށް ރެސިސްޓް ނުކުރާ ހަމައެކަނި ސުލްހައިގެ ވާހަކަ ދައްކާލަ ދައްކާލައި އޮންނަ ނިޒާމެކެވެ. ސުލްހައިގެ ވާހަކަތަކުން ނަތީޖާ ނުނިކުންނާތީ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ އެމެރިކާއަށާއި އދ. އަށް ސިޓީއެއް ފޮނުވާލުމާއި އިސްރާއީލު އަނގަބަހުން ކުށްވެރިކޮށްލުމެވެ. މިގޮތަށް ކަންތައްކުރާ އިރު އިސްރާއީލުން ގެންދަނީ ހުޅަނގު އައްސޭރީގައި ދެން ބާކީއޮތް ބިންކޮޅުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫއު ކުރިޔަށް ގެންދަމުންނެވެ.

މިމަޝްރޫއު ހުއްޓުވުމުގައި ވެސް ޢައްބާސްގެ ސަރުކާރު ނާކާމިޔާބު ވެފައިވާ އިރު އަދި ސުލްހައިގެ ވާހަކަތަކުން ނަތިޖާއެއް ނުނެރެވޭއިރު މަދު އަހަރުތަކެއްގެތެރޭގައި ހުޅަނގު އައްސޭރިގެ ހުރިހާ ބިންތަކެއްގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރިކޮށް ނިންމާލާނެ އެވެ. މިހިސާބުން ފަލަސްތީނުން ސުލްހައިގެ ނަމުގައި ދެން ދައްކާނެ އެއްވެސް ވާހަކައެއް ނެތުމުން ފަލަސްތީނުގެ މައްސަލަ އިސްރާއީލު ބޭނުންވާ ގޮތަށް ނިންމާލެވުނީ އެވެ.
(ނޫސްއެޖެންސީތައް)