އައްޠާރު ގަބީލާގެ ކުޑަކުދީން ވަނީ ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބިރުވެރި ތިން ހަނގުރާމައެއް ދެކި، އޭގެ ހިތްދަތިކަމާއި ބިރުވެރިކަން ތަހައްމަލުކޮށްފަ އެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ އަދި އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް ރަހުމް ކުޑަ އުދުވާނީ ހަމަލާތަކުގައި ކޮންމެ ފަހަރަކު ވެސް އެ ގަބީލާގެ އެންމެނަށް ޖެހެނީ އަމިއްލަ ގެދޮރު ދޫކޮށް ރައްކާތެރިކަމެއް ލިބިދާނެ ފަދަ ކޮންމެވެސް އެހެން ހިސާބަކަށް ދަތުރު ކުރާށެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އާއިލާއާ އެކު އަމިއްލަ ގެދޮރު ދޫކުރުމަށް މަޖުބޫރުވުމުން ފަލަސްތީނުގައި އދ. އިން ހިންގާ ސްކޫލެއްގެ ގޯތިތެރޭގައި ހުރި އަށްޓެއްގައި ހަމަހިމޭންކަމާ އެކު އެކަނި އިށީނދެލައިގެން އިން އުމުރުން 12 އަހަރުގެ އަޙްމަދު އައްޠާރު ފަދައިން، ޣައްޒާގެ މައުސޫމް ޅަ ދަރީންގެ ހިތްތަކުގައި ލެވިފައިވާ ނަފްސާނީ ލަކުނުތައް ފެންނަމުންދާ އިރު، އޭގެ ތެރެއިން ބައެއް ކުދީން ހަރަކާތް ހުއްޓިފައި، އަނެއްބައި ކުދީން މައިންގެ އުރުގައި ބާރަށް ބައްދައިގަނެގެން އެ ތިބެނީ، ކުރިމަތީން ފެންނަމުންދާ ބިރުވެރި މަންޒަރުތަކަށް ކެތް ނުކުރެވިގެންނެވެ.

"އެމީހުން ބޮންއަޅަމުން ގެންދަނީ އަހަރެމެންގެ ގެއާ ވަރަށް ކައިރިއަށް،" ނަޒަރު ސީދާނުކޮށް އިސްދަށަށް ޖަހައިގެން އިނދެ އޭޕީއާ ވާހަކަ ދައްކަމުން އަހްމަދު ކިޔައިދިނެވެ. "އަހަރެން މިހިރީ ވަރަށް ބޮޑަށް ބިރުގަނެފައި."

ނަފްސާނީ ކަންކަމުގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި ބިރުވެރިކަމުން އުފެދޭ މިފަދަ "ޒަޚަމް"ތަކަކީ އެހާ ފަސޭހައިން ރަނގަޅު ކުރެވޭ ކަންތައްތަކެއް ނޫނެވެ.

"ޣައްޒާގެ އާބާދީގެ ކުޑަކުދީންގެ އަޣުލަބިއްޔަތަށް ހަނގުރާމައިގެ ބިރުވެރިކަން ތަހައްމަލުކުރަން ޖެހޭ މިއީ ތިން ވަނަ ފަހަރު،" ޔުނިސެފްގެ ފަރާތުން ފަލަސްތީނުގައި ހަރަކާތްތެރިވާ ޗީފް ޗައިލްޑް ޕްރޮޓެކްޝަން، ބްރޫސް ގްރާންޓް ވިދާޅުވި އެވެ. "އެ ބިރުވެރިކަމުގެ ސަބަބުން އެކުދީންނަށް އާދައިގެ ހާލަތައް އެނބުރި އާދެވުމަށް އުނދަގޫތަކެއް ކުރިމަތި ކުރޭ. ބައެއް ކުދީންނަށް ނަފްސާނީ ގޮތުން ހަމަޖެހުން ލިބިގަންނާނެ ގޮތެއް ހޯދައި ނުގަނެވޭ. އަދި އެފަދަ ކުދީންގެ އާންމު ހާލަތަކަށް ވަނީ ބިރުވެރިކަން."

އައްޠާރު ގަބީލާއަކީ ހުޅަނގު ޣައްޒާގެ ބައިތުއް ލަހިޔާގެ އަލް ޢަޠާޠިރާ ޝަހަރަށް ނިސްބަތްވާ ގަބީލާއެކެވެ. އެ ގަބީލާ އާބާދުވެފައި ވަނީ، އިސްރާއީލާ މަދު ސަތޭކައެއް ހައި މީޓަރު ދުރުގަ އެވެ. ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރެވޭ ކޮންމެ ފަހަރަކު އެންމެ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅެނީ އަދި ގިނަފަހަރު ދެފަރާތުން ދޭ ރައްދު ހަމަލާތަކުގެ ޝިކާރައަކަށް ވަނީ، ޢައްޠާރު ގަބީލާގެ އަފްރާދުންނެވެ.

ހުޅަނގު ޣައްޒާގެ ދަނޑުބިންތަކަށް ނިސްބަތްވާ ދަނޑުވެރިން ދިރިއުޅޭ އަޠާޠިރާ ޝަހަރުގެ ރައްޔިތުންނަށް، 2008-2009 ވަނަ އަހަރުގެ ފިނި މޫސުމުގައި އިސްރާއީލުން ޣައްޒާއަށް ދިން ތިން ހަފުތާއަށް ދެމިގެންދިޔަ ރަހުމް ކުޑަ އުދުވާނީ ހަމަލާތަކާ ގުޅިގެންނާއި، އަދި 2012 ވަނަ އަހަރު އިސްރާއީލާ ޣައްޒާގެ ބޯޑަރު ސަރަހައްދުގައި ހިންގި ކުރިމަތިން ލުންތަކާ ގުޅިގެން އެކަހެރި ހިސާބުތަކަށް ހިޖުރަން މަޖުބޫރުވި އެވެ.

އިސްރާއީލުން ވަނީ މަތިންދާބޯޓުތަކެއްގެ އެހީގައި މިދިޔަ ހޮނިހިރު ދުވަހު، ޢަޠާޠިރާގައި ދިރިއުޅޭ ރައްޔިތުންނަށް އެސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރުދީ ލީފްލެޓްތަކެއް އޮއްސާލައިފައެވެ. އެއާއެކު، މަރިޔަމް އައްޠާރުއާއި އޭނާގެ ދައްތަ ސާދާ އައްޠާރު އަވަސްވެގަތީ އެ ދެބެންގެ އާއިލާއާ އެކު ހިފައިގެންގުޅޭ މަދުއެތިކޮޅެއް ބާލިދީ ފަދަ އެއްޗިއްސަށް އަޅަގައިގެން އަމިއްލަ ގެދޮރު ދޫކޮށް އެހެން ފަހަރު ތަކަކޭ އެއްފަދައިން ސަލާމަތީ ހިޔަލެއް ލިބޭތޯއެވެ. އެ ދެބެންގެ 10 ކުޑަކުދިން ތިބޭއިރު މަރްޔަމްގެ ފިރިމީހާ ވަނީ، ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހަރަކާތްތެރިވެ އުޅުމަށް ނުކުޅެދިފައިވާ ހާލުގައެވެ.

މިފަހަރުވެސް އެ އާއިލާއިން ބޯހިޔާވަހިކަން ހޯދަން ޖެހުނީ ހަނގުރާމައިގެ ސަބަބުން ކުރީގެ ދެފަހަރު ވެސް އެމީހުން ތިބެން ޖެހުނު، އދ.ގެ ސްކޫލުގެ ތެރޭގައެވެ. އެގޮތުން އދ.ގެ 20 ސްކޫލެއްގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ 17،000އަށް ވުރެ ގިނަ ރައްޔިތުން މިހާރުވެސް އެބަ ތިބިކަމަށް ވެއެވެ. އޭގެ ތެރެއިން ގިނަ ކުޑަކުދިންނަކީ، ހޮނިހިރު ދުވަހު އިސްރާއީލުން ދިން އިންޒާރުތަކާ ގުޅިގެން ގެދޮރު ދޫކޮށްދިޔަ އާއިލާތަކުގެ މެންބަރުންނެވެ.


އައްޠާރު ގަބީލާގެ މެންބަރުންގެ ގިނަ ބަޔަކު ތިބީ، އެ ސްކޫލުގެ ދެވަނަ ފަންގިފިލާގައެވެ. ކްލާސްރޫމެއްގައި 40 އަށްވުރެ ގިނަމީހުން ތިބޭއިރު، މަރިޔަމްއާއި ސާދާއާއި ޢުމަރު އަދި އެމީހުންގެ 10 ދަރިން ތިބީ އޭގެ ކްލާސްރޫމެއްގައި ޑެސްކުތައް ބޭނުންކޮށްގެން ކުޑަ ކޮޓަރިއެއް ގޮތަށް ވަކިކޮށްފައިވާ، ތަންކޮޅެއްގައި ފިތި ބާރުވެގެންނެވެ. އެ ކްލާސް ރޫމުގެ އަނެއް ބައިގައި ވެސް އެގޮތަށް ޑެސްކު ޖަހައިގެން ވަކިކޮށްފައިވާ ތަންކޮޅުގައި އެ ގަބީލާގެ އެހެން އާއިލާއެއްގެ ގިނަ މެންބަރުންތައް ފިތި ބާރުވެގެން ނިދަން ތިއްބެވެ. އެގޮތަށް ތިބޭއިރު ކްލާސް ރޫމުގެ ތެރޭގައި ޖާގަތަށް ބަންދުކޮށްލުމަށް ބޭނުންކޮށްފައި ވަނީ ރަޖާގަނޑަކުންނެވެ.

ކްލާސް ރޫމްތަކުގެ ތެރޭގައި އާއިލާތައް ތޮއްޖެހިފައި ތިބި އިރު، އެތަނުގެ ތެރޭގައި ތިބި ކަންކަން ހިނގާ ގޮތާ މެދު ފިކުރު ކޮށްނުލެވޭ ބައެއް ކުޑަކުދިން ސަކަރާތްޖަހާއިރު އަނެއްބައި ކުދިންގެ ރުއިމުގެ އަޑާއި ބޮޑާހޭކުމުގެ އަޑުވެސް ގުގުމާލާފައި ވެއެވެ. އެކުދިންގެ މައިންބަފައިން ކުދިން މައިތިރި ކުރުމަށް ނަސޭހަތްދީ ގޮތްހުސްވެފައި ތިބޭއިރު އެތަނުގެ ހާލަތު އޮތްގޮތް ފެންނަ މީހެއްގެ ލޮލުން ކަރުނަ ހިލޭނެއެވެ. އެހެން ގޮތެއް ފެންނަންދެން އެކުދިންނާއި މައިބަފައިން އެ ކެކުޅުންތަކުގައި ތިބުން ނޫން ގޮތެއް ނެތެވެ.

ތަޅުންގަނޑު މަތީގައި އިށީނދެގެން ކްލާސްރޫމުގެ ފާރެއްގައި ބުރަކަށި ޖައްސާލައިގެން އިން މަރްޔަމް އޭނާގެ 16 މަސްވީ ތުއްތު ދަރިފުޅު އުނގަށްލައިގެން ގޮތްހުސްވެފައި އިނީ އިތުރު ގޮތެއް ނެތިގެންނެވެ. އުމުރުން 35 އަހަރުގެ މަރްޔަމް ކިޔައިދިން ގޮތުގައި ރަޖައާއި ބެޑްޝީޓްފަދަ ތަކެތި މަދުވުމުގެ ސަބަބުން އެމީހުން ރޭގަނޑުގެ ވަގުތު ހޭދަކުރަނީ ކްލާސްރޫމުގެ ތަޅުންގަނޑުމަތީގައެވެ. އެތައް ބަޔަކު ތޮއްޖެހިފައިވާ އެތަނުގައި ބޭނުންކުރާ މަދު ފާހާނާ ތަކެއް ހުރިއިރު އެތަންތަނުގެ ސާފުތާހިރުކަން ގެއްލިފައި ހުރުމުގެ ސަބަބުން ކުޑަކުދިންތައް ބަލިވެފައިވާ ކަމަށް މަރްޔަމް ބުންޏެވެ. އަދި އެކުދިންނަށް ލިބިފައިވާ ނަފްސާނީ ބިރުވެރި ކަމުގެ ސަބަބުން ފާހާނާއާ ހަމައަށް އެކަނި ދާންވެސް ކުދިން ދެކޮޅުހަދާކަމަށް އަސަރާއެކު އޭނާ ކިޔައިދިނެވެ.

"އަހަރެމެން ހީކުރީ، ބޯމައްޗަށް ގެ ވެއްޓެނީ ކަމަށް. ކުޑަކުދިންތައް ރޮއި ހަޅޭއްލަވާންފެށި. އަހަރެންނަށް ވެސް ބިރުވެރި ގޮތަކަށް ބާރަށް ގޮވައި ސަލާމަތަށް އެދެވުނީ. އަހަރެންގެ ފިރިމީހާގެ ހާލަތަކީވެސް އެއީ،" ގަބީލާގައި ތިއްބައި އިސްރާއީލުން ދިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން އިވުނު ބޮމުގެ އަޑުފައްގަނޑާއެކު ގޭތެރޭގެ ހާލަތު ހުރިގޮތް ހަނދާނަށް ގެންނަމުން މަރްޔަމް ކިޔައިދިނެވެ.

މަރްޔަމްގެ 14 އަހަރުގެ ފިރިހެން ދަރިފުޅު މުޙައްމަދު ބުނީ، ބޮމުގެ އަޑުފައްގަނޑާއެކު ރައްކާތެރިވުމަށްޓަކައި އެންމެން ސިޓިން ރޫމުގެ ބިންމަތީގައި އެއްވެ ތިބީ ކަމަށެވެ. އަދި ކަރަންޓް ނެތުމުން ޓީވީ ބެލޭނެ ގޮތެއް ވެސް ނެތުމުން ވަގުތު ފާއިތުވަމުން ދަނީ ވަރަށް މަޑުން ކަމަށް އޭނާ ކިޔައިދިނެވެ.

އެ ގަބީލާގެ އެހެން އާއިލާއަކަށް ނިސްބަތްވާ މުހައްމަދު އަދި އަހްމަދު ކިޔާ ދެ ކުއްޖަކު ބުނީ، އެކުދިން ކުޅޭއިރު "އަރަބިންނާއި، ޔަހޫދީންގެ ހަނގުރާމަ" ކުޅޭ ކަމަށާއި އެގޮތަށް ކުޅޭކުޅޭ ބަޑިފަދަ ތަކެތި ހިފައިގެން ކުޅޭއިރު އަބަދުވެސް މޮޅުވަނީ އަރަބީން ކަމަށް އެ ދެކުދިން ބުންޏެވެ.

އދ.ގެ ސްކޫލް ސިސްޓަމުގައި މަސައްކަތްކުރާ ކައުސެލަރެއް ކަމަށްވާ، ރާސިމް ޝާމިޔާ ކިޔައިދިން ގޮތުގައި ގިނަ ކުދިންގެ ފަރާތުން "ނަފްސާނީ ޒަޚަމްތަކު"ގެ އަސަރު ފެންނަމުން ދެއެވެ. އެގޮތުން އެކުދިންގެ ތެރެއިން ބައެއް ކުދިންނަށް މީހުންނާ ވާހަކަދައްކާއިރު ލޮލާއި ލޯ ދިމާކުރަން ނުކެރުމާއި ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ނަފްސާނީ ބިރުވެރިކަމުގެ ސަބަބުން އެކުދިންނަށް ކަންކަމާ ވިސްނާ ފިކުރުކުރަން އުނދަގޫ ކަމަށްވެސް އޭނާ ބުންޏެވެ.

"އެކުދިން ތިބެނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި،" އޭނާ ކިޔައިދިނެވެ. "މިކުދިން އުފަންވީ އިރުއްސުރެން ވެސް އަމާންކަމާ ހަމަޖެހުން ފެނިފައެއް ނުވޭ."

މަރްޔަމްގެ ދައްތަ ސާދާ އައްޠާރު، 43 ބުނީ، އޭނާގެ ހިތުގައި ދަރިންނާ ދޭތެރޭފައި މިހާރު އުފެދިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ، މި ޖީލުގެ ދަރިންނަށް ނާމާންކަމާ ހަމަނުޖެހުން ހިންގުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެންފަށައިފާނެ ކަމުގެ ބިރުވެރިކަން ކަމަށެވެ.

"މި އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައިވާ ދަރިންތައް ބޮޑުވެގެން އަންނައިރު ދިގުމުއްދަތަކަށް ބަލައިފިއްޔާ މިއީ އިސްރާއީލަށް ރަނގަޅު ކަމަކަށް ހަމަ ޔަގީނުންވެސް ނުވާނެ،" ސާދާ ކިޔައިދިނެވެ. "އެކުދިން ބޮޑުވެގެން އަންނާނީ ވެސް ޒަޔަނިސްޓުންނާ، އޮއްގަލާއި އަލިފާނާ އަދި އެފަދަ ޖެހުނު ކޮންމެ އެއްޗަކުން ހަމަލާދީ ކުރިމަތިލުމުގެ ޖޯޝުގައި."

ސާދާ ދައްކަމުންދިޔަ ވާހަތައް ކުރުކޮށްލުމުން، އޭނާގެ ދަރިންތައް ގޯތި ތެރެއަށް ކުޅެން ނުކުތެވެ. އަދި ސްކޫލުގައި މަސައްކަތްކުރާ ވޮލަންޓިޔަރުން އެ ކުދިންނަށް، ކްލޭއާއި، ކްރެޔަންއާއި، ހޫޕްސްއާއި އެނޫންވެސް ކުޅޭ ތަކެތި ދީ އެކުދިން މައިތިރި ކުރުމަށް މަސައްކަތްކުރަމުން ދިޔައެވެ.

ފަލަސްތީނުގެ ކުދިންނެކޭ އެއްފަދައިން ޣައްޒާގެ ސީމާ ކައިރީގައި ދިރިއުޅޭ އިސްރާއީލުގެ އެތަކެއް ކުޑަކުދިންވެސް ތިބެނީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. 2000 ވަނަ އަހަރަށް ފަހު އިސްރާއީލުގެ އަސްކަރިއްޔާއާއި ޣައްޒާގެ ހަނގުރާމަވެރިން ބަދަލުކުރަމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެކުދިންވެސް ތިބެނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ވޭތުވެދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ޒަޔަނިސްޓުންގެ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވެގެން ގޮސްފައިވާ 200އަށްވުރެ ގިނަ މީހުންގެ ތެރޭން ހަތަރުބައިކުޅަ އެއްބައި އެއީ ކުޑަކުދީން ކަމަށް އދ.ގެ ހިސާބުތަކުން ދައްކައެވެ.

ޅަދަރިންގެ ހިތްތަކުގައި ބިރުވެރިކަން އިންތިހާއަށް ގޮސްފައިވާ އިރު، ޣައްޒާގެ ރައްޔިތުންނަށް އެބައިމީހުންގެ ދަރީންގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ނެތްކަމަށް، ފަލަސްތީނުގެ ރެފިއުޖީންނަށް ހިދުމަތްކުރަމުން އަންނަ އދ.ގެ އޭޖެންސީއެއްގެ ވެރިއަކު ކިޔައިދިނެވެ.

"މިއަދު އަހަރެމެންނާ މައުލޫމާތި ހިއްސާކުރި ޣައްޒާގެ އާއިލާ ތަކުގެ ބައެއް މެންބަރުން ބުނީ، މި ހަނގުރާތަކުގެ ސަބަބުން ގެތައް ގުޑުމާއި، ފަނާކުރުވަނިވި މަންޒަރުތައް ނިމުމަކަށް އަންނާނީ ކޮންއިރަކުންތޯ ދަރީން ސުވާލުކުރުމުން އެއަށް ދޭނޭ ޖަވާބެއް ނޯންނަ ކަމަށް،" ޔޫއެންގެ ފަރާތުން ރެފިއުޖީންގެ ހިދުމަތުގައި މަސައްކަތްކުރާ ވެރިއަކު ކަމަށްވާ ޕިއެރީ ކްރާންބުލް ވިދާޅުވިއެވެ.

މަރިޔަމް، ސާދާ އަދި އެ ދެބެންގެ އާއިލާގެ އިތުރުން ޣައްޒާގެ އައްޠާރު ގަބީލާއިން ރައްކާތެރި ތަންތަނަށް ގެންދެވުނު އެތައް ބަޔަކު އިއްޔެގެ ވަގުތެއްގައި ވަނީ އެމީހުންގެ ގެތަކަށް ގެންގޮސްފައެވެ. އެކަމަކު އަމާންކަމުގެ ކުޑަ މިންވަރެއްވެސް ފެނިދާނެ ކަމުގެ އުންމީދުގައި އެނބުރި ގެއަށް ދިޔަ އާއިލާތަކަށް އެގޮތަށް ތިބެވުނީ ތިން ވަރަކަށް ގަޑިއިރު ވަންދެނެވެ. ޣައްޒާގެ ހަނގުރާމަވެރިން ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ބަދަލުގައި ކަމަށްބުނެ އިސްރާއީލުން ވަރުގަދަ ވައިގެން ހަމަލާތަކެއް އެހިސާބައް ފޮނުވާލިއެވެ.

އަމާންކަމެއް ލިބިދާނެ ކަމުގެ ކުޑަ އުންމީދަކާއެކު އެނބުރި ގެއަށް ދިޔުމުގެ ބަދަލުގައި އައްޠާރު ގަބީލާގެ ގިނަ އާއިލާތައް އިހްތިޔާރު ކުރީ، ހަނގުރާމަ ނިމެންދެން ނުވަތަ މަޑު ޖެހެންދެން އެ ސްކޫލުގައި ތިބުމަށެވެ.

"އަހަރެން ގެއަށްދާން ކިތަންމެހާވެސް ބޭނުން. އެކަމަކު އަހަރެން މިހިރީ އަދިވެސް ބިރުވެރިކަމެއްގެ ތެރޭގައި،" މަރިޔަމްއާ ސާދާގެ ތިމާގެ މީހެއް ކަމަށްވާ އުމުރުން 42 އަހަރުގެ މުޙައްމަދު އައްޠާރު ކިޔައިދިނެވެ.

މިއީ ޣައްޒާގެ ހާލަތުން ކުޑަ މިންވަރެކެވެ. ހަނގުރާމައިގެ ބިރުވެރިކަމުގެ އަޑުފައްގަނޑަށް ކުޑަވެސް ހިމޭންކަމެއް އަންނަތަން ފެނިފައި ނުވާއިރު، ޒަޔަނިސްޓުން ވެރިންގެ ބަސްމަގާއި އަމަލުތައް ހުރީ އަދިވެސް ހަނގުރާމަ އިތުރަށް ފުޅާކޮށް ވަރުގަދަ ކުރާށެވެ. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް ޒަޔަނިސްޓު ވަކިތަކުގެ ދަށުގައި މުސްލިމުންގެ އެތަކެއް ރައްޔިތުން ފަނާވެ ދަނީއެވެ. އެހެން ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރީން އަދިވެސް، ތިބީ ޣާފިލު ކަމުގެ ނިންޖަކުން ނިދައިފައެވެ. އެމީހުން އަދިވެސް ބުނަނީ އިސްރާއީލުން ދޭ ހަމަލާތަކަކީ، އެމީހުންގެ ދިފާއުގައި ދޭ ރައްދު ހަމަލާތަކެއް ކަމަށެވެ. - (އޭޕީ)