11 Jan 2011, 15:02
ގައިންގަޔަށް އަރާ ބައްޔާއި މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބަލިތައް ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށް ވުރެ ގިނަ މީހުންނަށް މިދިޔަ އަހަރު ޖެހިފައިވާ ކަމަށް ސެންޓަފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިސީސް ކޮންޓްރޯލް (ސީސީއެޗްޑީސީ)ގެ ރިޕޯޓަކުން ދައްކައިފި އެވެ.
ސީސީއެޗްޑީސީން މިއަދު ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިރު ކުރި "ފޯޓްނައިޓްލީ އެޕިޑެމިއޮލޮޖިކަލް ރިޕޯޓް 27 ޑިސެމްބަރު 2009 – 25 ޑިސެންބަ 2010"ގެ ރިޕޯޓު ބުނާ ގޮތުން ގައިންގަޔަށް އަރާ ބަލިތަކާއި މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް މިދިޔަ އަހަރު 173965 މީހަކަށް ޖެހިފައިވެ އެވެ. އަދި އެއީ ރާއްޖޭގެ އާބާދީގެ 40 ޕަސެންޓަށް ވުރެ ވެސް މަތީ އަދަދެކެވެ.
ޑެންގޫ ހުން ޖެހުނު މީހުންގެ މިންވަރު 2009 ވަނަ އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު 19 ޕަސަންޓަށް އިތުރުވެފައިވާ ކަމަށް ސީސީއެޗްޑީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓު ބުނާ ގޮތުން މިދިޔަ އަހަރު 920 މީހުންނަށް ޑެންގޫ ހުން ޖެހިފައިވެ އެވެ. ނަމަވެސް 2009 ވަނަ އަހަރު ޑެންގޫ ހުންޖެހިގެން ރިޕޯޓުކޮށްފައި ވަނީ 773 މީހުން ކަމަށް އެ ސެންޓަރުން ބުނެ އެވެ.
މިދިޔަ އަހަރު ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކުރި މީހުންގެ ތެރެއިން 44.1 ޕަސަންޓަކީ 10 އަހަރުން ދަށުގެ ކުޑަކުދިން ކަމަށް ވެސް ސީސީއެޗުޑީސީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެންމެ ގިނަ މީހުންނަށް މިދިޔަ އަހަރު ޖެހިފައި ވަނީ ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތަކެވެ. އެގޮތުން 92504 މީހަކަށް އެފަދަ ބަލިތައް ޖެހިފައިވެ އެވެ. ނަމަވެސް މިއަދަދަކީ 2009 ވަނަ އަހަރާ އަޅާ ބަލާ އިރު 7.6 ޕަސަންޓު ދަށް އަދަދެއް ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް ޖެހިފައި ވަނީ "ވައިރަލް ފީވާ" ނުވަތަ ވައިރަހުގެ ސަބަބުން ޖެހޭ ހުމެވެ. ވައިރަލް ފީވާ ޖެހުނު 54718 މިހާކު ސީސީއެޗްޑީސީގެ ތަފާސް ހިސާބުތަކުގައި ރިޕޯޓު ކުރެވިފައިވެ އެވެ. އޭގެތެރެއިން 10756 މީހުންނަކީ މާލޭން ރިޕޯޓު ކުރެވިފައިވާ މީހުންނެވެ.
ބޭރަށް ހިންގުން ޖެހިގެން 18502 މީހަކު ރިޕޯޓު ކޮށްފައިވެ އެވެ. އެއީ 2009 ވަނަ އަހަރާ އަޅާ ބަލާއިރު 10.5 ޕަސަންޓު ދަށް އަދަދެއް ކަމަށް އެ ސެންޓަރުން ބުނެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައި ރާއްޖޭގައި ގިނަ އަދަދެއްގެ މީހުންނަށް ވަނީ ބޭރަށް ހިންގުން ޖެހިފަ އެވެ. އެ ގޮތުން ރާއްޖޭގެ އުތުރުގެ ހުރިހާ އަތޮޅަކަށް ބޭރަށް ހިންގުން ފެތުރިފައިވާ ކަމަށާއި އެ ސަރަހައްދުން މީހުންގެ އާންމު ސާފުތާހިރުކަން އިތުރުކުމަށް ތަފާތު ޕްރޮގުރާމުތަކެއް ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
ލޮލު ރޯގާ ޖެހިގެން 4606 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެއީ މާލޭން 2178 މީހަކާއި އަތޮޅުތަކުން 2428 މީހެކެވެ.
"ހޭންޑް ފުޓް އެންޑް މައުތް ޑިސީސް" (އެޗްއެފްއެމްޑީ) 1183 މީހަކަށް ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެބަލި ޖެހުނު މީހުންގެ ތެރެއިން 95 ޕަސަންޓަކީ އުމުރުން 10 އަހަރަށް ވުރެ ކުޑަ ކުދިން ކަމަށް އެ ސެންޓަރުން ބުނެ އެވެ.
ޖުމްލަ 921 މީހަކަށް ޗިކަން ޕޮކްސް ޖެހިފައިވާ އިރު 478 މީހަކަށް ޗިކަންގުންޔާ ޖެހިފައިވެ އެވެ. ސްކްރަބް ޓައިފަސް ޖެހިފައި ވަނީ 83 މީހަކަށެވެ. މަމްޕްސް ޖެހިފައި ވަނީ 50 މީހުންނަށް ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.
މިދިޔަ އަހަރު ހަތް މީހަކު އިންފުލެއެއްންޒާއަށް ޕްޒިޓިވް ވެފައިވާކަމަށާއި އެންމެ ފަހުން ރާއްޖެއިން އިންޕްލެއެންޒާއަށް ޕްޒިޓިވް މީހަކު ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ތެރޭގައި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް ސްރީލަންކާގައި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންފުލުއެންޒާ ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖޭގައި ސްވައިން ފުލޫ ފެތުރިދާނެ ކަމަށް ޓަކައި މިދިޔަ ޑިސެމްބަރު މަހު ތެރޭގައި ރާއްޖައި އެކަމުގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށް ސީސީއެޗްޑީސީން ބުނެ އެވެ.