17 Jul 2014, 02:19
ދިރާގު ދިވެހި ލީގުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބު ލީގުގެ ގަދަ ހަތަރަކަށް އަރައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އޭވައިއެލް އަތުން ވިކްޓަރީ މޮޅުވީ 3-0 ލަނޑުންނެވެ. މިހާތަނަށް ލީގުގައި ވިކްޓަރީ ކުޅުނު އެހެން މެޗުތަކާ ހިލާފަށް މި މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މެޗުގެ 11 ވަނަ މިނެޓްގައި ވިކްޓަރީއަށް ލީޑު ނަގައިދިނީ ހުސައިން ޝިމާޒް (ކޮކީ) އެވެ. އޭގެ މާ ގިނައިރުތަކެއް ނުވެ، ވިކްޓަރީއަށް ދެ ވަނަ ލަނޑެއް ޖަހައި ކޮކީ ވަނީ ލީޑު ފުޅާކޮށްފަ އެވެ. ފުރަތަމަ ހާފުގައި ވިކްޓަރީއަށް ލީޑު އިތުރަށް ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.
މެޗުގައި ވިކްޓަރީއިން ކާމިޔާބުކުރި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗިންޑީ ޗިޒީ ކަކާ އެވެ. ތިން ޕޮއިންޓްގެ ލީޑެއް ނެގި ފަހުން ވެސް ވިކްޓަރީއިން އޭވައިއެލްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ އެވެ.
މި ނަތީޖާއާއެކު ކުޅުނު ފަސް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ވިކްޓަރީ ވަނީ ލީގުގެ ހަތަރު ވަނައަށް އަރައިފަ އެވެ. ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އޮތްއިރު، ދެވަނައިގައި އޮތް މާޒިޔާއަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ވިކްޓަރީގެ ކުރީގައި އޮތް އީގަލްސްއަށް ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ލިބުނު އެންމެ ޕޮއިންޓާއެކު ލީގުގެ އެންމެ ފުލުގައި އަދިވެސް އޮތީ އޭވައިއެލް އެވެ.
ލީގުގައި ދެން މެޗެއް ކުޅޭނީ މާދަމާ އެވެ. ގައުމީ ދަނޑުގައި މާދަމާ ރޭ 10:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ލީގުގައި ހަ ވަނައިގައި އޮތް މަހިބަދޫ އާއި ހަތް ވަނައިގައި އޮތް ބީޖީ ސްޕޯޓްސް އެވެ.