އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން މަރުވި ފަހުން، ހަމަލާތައް ފަސް ގަޑިއިރަށް ހުއްޓާލަން އިޒުރޭލުގެ އަސްކަރިއްޔާއިން އެއްބަސްވެއްޖެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިސަރަކު އެސޯއިއޭޓެޑް ޕްރެސް (އޭޕީ)އަށް ވިދާޅުވީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމީ "އިންސާނިއްޔަތަށްޓަކައި" ކަމަށެވެ. ޣައްޒާއަށް ދެމުންދާ ހަމަލަތާއް ފަސް ގަޑިއިރަށް މެދުކަނޑާލި ކަމަށް ބުނެ އިޒުރޭލުގެ އަސްކަރިއްޔާއިން ވެސް ވަނީ މިއަދު ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނާ ގޮތުން ރާއްޖެ ގަޑިން މިރޭ މެންދަމު 2:00 އިން ފެށިގެން މާދަމާ ހެނދުނު 7:00 އަށް ހަމަލާތައް ހުއްޓާލާނެ އެވެ.

ޣައްޒާއަށް ހުއްޓުމެން ނެތި ހަމަލާދެމުންދާތާ ނުވަ ދުވަސް ފަހުން ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލަން އިޒުރޭލުގެ އަސްކަރިއްޔާއިން ނިންމިއިރު، އެކުވެރި ދައުލަތް (އދ) އިން އިޒުރޭލަށް މިއަދު ގޮވާލާފައި ވަނީ ޒަރޫރީ ބޭނުންތަކަށް ގައްޒާއަށް ފޯރުކޮށްދޭންޖެހޭ އެއްޗެހި ދިނުމަށްޓަކައި ހަމަލާތައް ހުއްޓާލުމަށެވެ. އެގޮތުން ފެނާއި ކާނާ އާއި ބޭސްފަރުވާއަށް ގައްޒާ ޖެހިފައިވާ ކަމަށް އދ އިން މިއަދު ވަނީ ބުނެފަ އެވެ.