ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ޖަރުމަނުން ކާމިޔާބު ކުރުމުން އެ ޓީމުގެ މިޑް ފީލްޑަރު މެސްޓް އޮޒިލްއަށް ބޯނަސްގެ ގޮތުގައި ލިބުނު ހަ ލައްކަ އެމެރިކާ ޑޮލަރު ފަލަސްތީނުގެ ގާޒާއަށް ހަދިޔާކޮށްފި އެވެ. އޮޒިލްއަކީ ތުރުކީ ދަރިފަސްކޮޅަށް ނިސްބަތްވާ މުސްލިމް ޖަރުމަނު ރައްޔިތެކެވެ.

އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގައި ޝާހީދުވަމުންދާ ގައްޒާގެ ރައްޔިތުންނަށް އެހީވުމަށް އޮޒިލް ހަދިޔާ ކުރި ފައިސާއަކީ ވޯލްޑްކަޕްގައި ސެމީގައި ބްރެޒިލް ބަލިކޮށް، އަދި ފައިނަލުގައި އާޖެންޓީނާ ބަލިކުރުމުން އޭނާއަށް ލިބުނު ބޯނަސް ފައިސާ އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އާޖެންޓީނާ ބަލިކުރުމުން އޮޒިލްއަށް ބޯނަސްގެ ގޮތުގައި 237،000 ޕައުންޑް ލިބުނުއިރު ސެމީގައި ބްރެޒިލް ބަލިކުރުމުން 118،000 ޕައުންޑް ލިބިފައިވާ ކަމަށް އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ އިންޓަނޭޝަނަލް ބިޒްނަސް ޓައިމްގައި ބުނެފައި ވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ޖަރުމަނުން ވޯލްޑް ކަޕް ކާމިޔާބު ކުރުމާއި ގުޅިގެން އެ ގައުމުގެ ކޮންމެ ކުޅުންތެރިއަކަށް ބޯނަސްގެ ގޮތުގައި ބޮޑެތި ކުންފުނި ތަކުންނާއި މުއްސަނދި މީސްމީީހުންގެ ފަރާތުން ވަނީ އެތައް ލައްކަ އެމެރިކާ ޑޮލަރު ލިބިފަ އެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި އެ ގައުމުގެ ނިކަމެތި އާންމު ރައްޔިތުން ޝަހީދުވަމުން ދާތީވެ، ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާއާތް ތަކުންނާއި އިސްލާމީ ބޮޑެތި ގައުމުތަކުން އަންނަނީ އެތަކެއް އެހީއެއް ދެމުން ކަަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނަން ފަށައިފަ އެވެ.

އިސްރާއީލުން ވަނީ ފާއިތުވިއަށް ދުވަހުގެ ތެރޭގައި ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ 200 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 1400 އަށްވުރެ ގިނަމީހުން ޒަޚަމްކޮށް ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއް ހަލާކުކޮށްލާފައެވެ. ހަމަލާތައް ހުއްޓާލުމުގެ ނަމުގައި ހުށަހެޅުމެއް ހުށަހަޅައި އެހުށަހެޅުމަށް ހަމާސުން ދެކޮޅު ހެދިކަމަށްބުނެ އިސްރާއީލުން ހަބަރުތައް ފަތުރަމުން ގެންދަނީ އުދުވާން އިތުރަށް ކުރިޔަށް ގެންދިޔުމަށް ރޭވި ރޭވުމެއްގެ ދަށުން ކަމަށް ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ބުނެފައެވެ.