އިސްރާއީލު ސިފައިން ޣައްޒާގެ ގޮނޑު ދޮށަށް މިއަދު ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއެއްގެ ހަތަރު ކުދިން ޝަހީދުކޮށްލައިފި އެވެ.

ޣައްޒާގައި އޮންނަ ހަމާސް ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޙިދުރާ އާ ހަވާލާދީ އެންބީސީ ނިއުސް ބުނީ ޣައްޒާގެ ގޮނޑުދޮށުގައި ކުޅެން ތިއްބައި ޝަހީދުވި އެއް އާއިލާއެއްގެ ހަތަރުކުދިން ޝަހީދުވީ އިސްރާއީލް ސިފައިން ކަނޑުމަގުން ދިން ހަމަލާއެއްގައި ކަމަށެވެ.

ޣައްޒާގައި ތިބި ބޭރުގެ ނޫސްވެރިންނާއެކު އެ ކުދިން ފުޓްބޯޅަ ކުޅެން ތިއްބައި ދިން އެ ހަމަލާގައި އިތުރު ތިން ކުދިން ޒަހަމްވި ކަމަށް ވެސް އެ އެޖެންސީ ބުންޏެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަށާފައިވާ އުދުވާނަށް ނުވަ ދުވަސް ވީ އިރު މިއަދު ޝަހީދުވި ކުދިންނާ އެކު ޝަހީދުވީ މީހުންގެ އަދަދު ވަނީ 200 އަށް ވުރެ މަތި ވެފަ އެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 1500 އަށް އަރާފައެވެ. ހަ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ހިސާރުކޮށްފައިވާ ޣައްޒާއާއަށް އިސްރާއީލުން ހަމަލާ ދެމުން ދާއިރު އެކަން ހުއްޓުވުމަށް ބައިނަލް އަގުވާމީ މުޖުތަމައު ވަނީ ނުކުޅެދިފައެވެ.