16 Jul 2014, 23:30
ސްކައިޓްރެކްސް ވޯރލްޑް އެއާލައިން އެވޯޑްސް ގައި ގަތަރު އެއާވޭސްއަށް ތިން އެވޯޑެއް ލިބިއްޖެއެވެ.
އިނގެރޭސިވިލާގު ހެމްޝާޔަރ ގައި ކުރިއަށްދާ ފާންބަރޯ އިންޓަނޭޝަނަލް އެއާޝޯގައި އަންގާރަ ދުވަހު ބޭއްވުނު ސްކައިޓްރެކްސް އެވޯޑްސްގައި ގަތަރު އެއާވޭސް އަށް ވަނީ “ވޯރލްޑްސް ބެސްޓް ބިޒްނަސް ކްލާސް” އެވޯޑާއި “ބެސްޓް އެއާލައިން އިން ދަ މިޑްލް އީސްޓް” އެވޯޑާއި “ބެސްޓް ބިޒްނަސް ކްލާސް އެއާލައިން ލައުންޖް” އެވޯޑް ލިބިފައެވެ. އަދި އެއާލައިން އޮފް ދަ އިޔަރ ކެޓެގަރީ އިން ދެވަނަ ލިބިފައި ވަނީވެސް ގަތަރު އެއާވޭސް އަށެވެ.
މީގެ ތެރެއިން ގަތަރުއެއާވޭސް އަށް ބެސްޓް ބިޒްނަސް ކްލާސް އެވޯޑް ލިބުނު މިއީ ޖެހިޖެހިގެން ދެވަނަ އަހަރެވެ. މީގެ ކުރިން ދެ އަހަރަކު ގަތަރުއެއާވޭސް އިން ބެސްޓް ބިޒްނަސް ކްލާސް އެވޯޑް ހާސިލުކޮށްފައި ވެއެވެ.
ގަތަރު އެއާވޭސް އަށް ބެސްޓް އެއާލައިން އިން ދަ މިޑްލް އީސްޓް އެވޯޑް ލިބުނު މިއީ އަށް ވަނަ ފަހަރަށެވެ. އަދި މި އަހަރަކީ ބެސްޓް ބިޒްނަސް ކްލާސް އެއާލައިން ލައުންޖް އެވޯޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުނު އަހަރުވެސް މެއެވެ.
“ފަސެންޖަރުންނަށް އެންމެ ރަނގަޅު ހިދުމަތާއި ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަށް ގަތަރު އެއާވޭސްއިން އަބަދުވެސް ގަދައަޅާ މަސައްކަތްކުރަން. މި އެވޯޑްތަކާ އެކު ސްކައިޓްރެކްސްއިން އަހަރަމެންގެ އެއާލައިނާއި ސްޓާފުންނާއި ޕްރޮޑަކްޓްތައް ބަލައިގަނެފައިވާތީ ފަހުރުވެރިވަން،” އަންގާރަ ދުވަހު ގަތަރު އެއާވޭސްއިން ނެރުނު ބަޔާނެއްގައި ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރު އަލް ބޭކަރ ބުނެފައި ވެއެވެ.
އިނގެރޭސިވިލާތުގައި ގާއިމުވެފައިވާ ސްކައިޓްރެކްސް އަކީ އޭވިއޭޝަން އިންޑަސްޓްރީ ބަލައި މޮނިޓަރ ކޮށް، އޭވިއޭޝަން ކުންފުނިތަކަށް ލަފަޔާއި ކޮންސަލްޓަންސީ ފޯރުކޮށްދޭ ކުންފުންޏެކެވެ. މުސްތަގިއްލު އަދި އިތުބާރުކުރެވޭ ބައެއްގެ ގޮތުގައި ސްކައިޓްރެކްސް ވަނީ މަޝްހޫރުކަން ހޯދާފައެވެ.
ވޯލްޑް އެއާލައިން އެވޯޑްސް 2014 ގައި އެވޯޑްލިބުނު ފަރާތްތައް ހޮވާފައިވަނީ 160 އަށް ވުރެ ގިނަ ގައުމަށް ނިސްބަތްވާ، މިލިއަންނަކަށް ވުރެ ގިނަ ފަސެންޖަރުންގެ ފަރާތުން ނެގުނު ސާވޭއަކަށް ބިނާކޮށެވެ.
ފާންބަރޯ އިންޓަނޭޝަނަލް އެއާޝޯގައި ގަތަރު އެއާވޭސް ގެ އެއާބަސް އޭ 350 އަކާއި އެއާބަސް އޭ 320 އެއްގެ އިތުރުން ބޮއިންގ 787 މަރުކާގެ މަތިންދާބޯޓެއް ވަނީ އާއްމުންނަށް ދައްކައިލައިފައެވެ. އެގޮތުން ފްލައިން ޑިސްޕްލޭއެއްގައި އޭ 350 ހަރަކާތްތެރިވާއިރު އޭ 320 އާއި ބޮއިންގ 787 ޑްރީމްލައިނަރ ބާއްވައިފައިވަނީ ސްޓެޓިކް ޑިސްޕްލޭއެއްގަ އެވެ.