16 Jul 2014, 23:14
ހަތަރުވަނަ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލުން ކުޅުންތެރިން ޖާގަ ކަށަވަރުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ކެރަމް ހޯލްގައި މިރޭ ކުޅެވުނު ފިރިހެން ޑަބަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޝާފީ މުހައްމަދު އާއި އިބްރާހީމް މޫސާ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަކަށަވަރުކުރީ އަހުމަދު ޖަލާލް އަލީ އާއި ސާލިމް އަދުނާނެވެ. އަދި ފިރިހެން ޑަބަލްސް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަހްމަދު ތޮލާލް އާއި މުހައްމަދު މަހުދީ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަކަށަވަރުކުރީ އާދަމް އަދީލް އާއި ހަސަން ނިޔާޒް އެވެ.
މިރޭ ނިމުނު އަންހެން ޑަބަލްސް ސެމީ ފައިނަލް ފުރަތަމަ މެޗުގައި އާމިނަތު ނިފާޝާ އާއި ފާތިމަތު ނުޒުހާ ބަލިކޮށް އަންހެން ޑަބަލްސް ފައިނަލްގެ ފުރަތަމަ ޖާގަކަށަވަރުކުރީ އައިމިނަތު ވިޝާމާ އާއި ރިފްޤާ މުހައްމަދެއެވެ. އަންހެން ޑަބަލްސް ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފާތިމަތު ރަޔާން އާއި ރާފިޔަތު ރިޒްމާ ބަލިކޮށް އަންހެން ޑަބަލްސް ފައިނަލްގެ ދެވަނަ ޖާގަކަށަވަރުކުރީ އައިޝަތު ފައިނާޒު އާއި އިފާޝާ ޝަރީފް އެވެ.
އެމުބާރަތުގައި މިރޭ ވަނީ ފިރިހެން ސިންގަލްސް އިވެންޓުގެ ކުޅުން ފަށާފައެވެ. އަދި އަންހެން ސިންގަލްސް އިވެންޓުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ ކަމަށް ކެރަމް އެސޯސިއޭޝަނުން ބުންޏެވެ.
އިއްޔެ އިން ފެށިގެން އަންނަ ބުރަސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ 173 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.