16 Jul 2014, 23:06
އާބިޓްރޭޝަން ފީގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) ޖީއެމްއާރަށް ދައްކާފައި ވަނީ ދައުލަތުގެ ބަޖެޓަކުން ނޫން ކަމަށާއި އެ ފައިސާ ދައްކާފައި ވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިރޭ ވިދާޅުވެއްޖެ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޖީއެމްއާރުން ހުށަހެޅި މައްސަލައި ނިންމާފައި ވަނީ އާބިޓްރޭޝަނަށް ހަރަދުވި ހަތަރު މިލިއަން ޑޮލަރު 42 ދުވަހުގެ ތެރޭގައި އެ ކުންފުންޏަށް ދިވެހި ސަރުކާރުން ދައްކައި ހަލާސް ކުރާންޖެހޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު މިރޭ "ސަން"އަށް ވިދާޅުވީ ޖީއެމްއާރަށް ދޭންޖެހޭ ހަތަރު މިލިއަނެއްހާ ޑޮލަރު "ދުވަސް ކޮޅެއް ކުރިން" އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދެއްކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޖިހާދު ވިދާޅުވީ ޖީއެމްއާރަށް ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުން ކަމަށް މީޑިއާގައި ދެންނެވިފައި ވަނީ މައުލޫމާތުގެ ކުށަކުން ކަމަށާއި އެ ފައިސާ ދައުލަތުގެ ބަޖެޓުން ދައްކާފައި ނުވާނެ ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ވަނީ އެމްއޭސީއެލަށް ލިބުނު އާމްދަނީގެ ތެރެއިން ކަމަށް ޖިހާދު ވިދާޅުވި އެވެ.
ސިންގަޕޫރު އާބިޓްރޭޝަނުން މިދިޔަ މަހުގެ 18 ވަނަ ދުވަހު ނިންމާފައި ވަނީ އައިއެންއައިއޭ ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާގެ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށެވެ.
އާބިޓްރޭޝަނުން އެގޮތަށް ނިންމާފައިވުމުން ޖީއެއްއާރުގެ ލިބެންޖެހޭ ބަދަލު ހޯދަން، އާބިޓްރޭޝަންގެ ދެ ވަނަ މަރުހަލާގައި އެ ކުންފުނިން ވަކާލާތު ކުރާނެ އެވެ. އަދި ޖީއެމްއާރު އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް އާބިޓްރޭޝަނުން ކަނޑައަޅާފައިވުމުން، ގާނޫނީ ހުއްޖަތަކާ ނުލައި ބަދަލު ދޭން ސަރުކާރަށް ލާޒިމް ވާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތައް ވަނީ ބުނެފަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 25 އަހަރަށް އައިއެންއައިއޭ ހިންގުމަށް ޖީއެމްއާރާ ހަވާލު ކުރީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖީއެމްއާރު އެއްބަސްވުން ބާތިލްކޮށް އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާ ވަނީ ހަވާލު ކުރީ ޑިސެމްބަރު 8، 2012 ގަ އެވެ.
ޖީއެމްއާރުގެ އެއްބަސްވުން ވަހީދުގެ ސަރުކާރުގައި އުވާލީ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ.