ޕިލިޕްސް އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން މިރާ އާއި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމް މޮޅުވެއްޖެއެވެ.

ޖުމްލަ 8 ޓީމާއެކު ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ އެމުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗް ޕޮލިސް ކްލަބާއި ބައްދަލުކޮށް މީރާ އިން ކާމިޔާބުކުރީ 12 ލަނޑުން ނެވެ. ދެވަނަ މެޗް ދިވެހި ސިފައިންގެ ކްލަބާއި ބައްދަލުކޮށް 53 ލަނޑުން ކާމިޔާބުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ޓީމްއެވެ.

ފުރަތަމަ މެޗް ޓޮސްދިމާވުމުން މީރާ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 114 ލަނޑު ހެދިއެވެ. މެޗުގައި މީރާގެ އަހްމަދު ހަސަން 18 ލަނޑު ހެދިއިރު އެޓީމުގެ ޖިނާހު ވަނީ 13 ލަނޑު ހަދާފައެވެ.

ޖަވާބުގައި ޕޮލިސް ކްލަބް ކުޅެންއަރާ އަށް އޯވަރުތެރޭގައި 102 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 27 ލަނޑުހެދި އަޒްހަމްއެވެ.

މިއަދުގެ ދެވަަނަ މެޗް ޓޮސް ދިމާވުމުން އެޑިއުކޭޝަން މިނިސްޓްރީ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި 147 ލަނޑު ހެދިއެވެ. އެ މިނިސްޓްރީގެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ ސަންކާ އެވެ. އޭނަ ވަނީ އެ ޓީމަށް 36 ލަނޑު ހަދައިދީފައެވެ. އަމައެއާއެކު އެޓީމުގެ ދިލިޕް ވަނީ މެޗުގައި 31 ލަނޑު ހަދައިދީފައެވެ.

ޖަވާބުގައި ދިވެހި ސިފައިންގެ ކްލަބް ކުޅެންއަރާ އަށް އޯވަރުގައި 94 ލަނޑުހެދިއެވެ. އެ ޓީމުން އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި ހިލްމީއެވެ.

މިމުބާރާތުގައި މާދަމާ ކުޅޭ ފުރަތަމަ މެޗް ގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާ ދެތީމަކީ މީރާއާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ.