16 Jul 2014, 22:56
ކޮކާކޯލާ ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި މިއަދު މަހިބަދޫ އަތުން ފަސޭހަ ކަމާއެކު 5-1 ލަނޑުން ބީޖީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.
ލައިފް ބޯއީ އެއް ނަމްބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބީޖީގެ އަބްދުﷲ ޝިފާއު ހަތަރު ގޯލް ކާމިޔާބު ކޮށްދިން އިރު، އެ ޓީމުގެ އަނެއް ގޯލް ކާމިޔާބު ކޮށްދިނީ ހަސަން ސުޖާއު އެވެ. އަދި ބީޖީ ކޮޅަށް މަހިބަދޫއިން ޖެހި ހަމައެކަނިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ ނާސިފެވެ.
ބީޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މެޗުގައި ހަތަރު ގޯލު ކާމިޔާބުކޮށްދިން އަބްދުﷲ ޝިފާއުއެވެ.
މި މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާ ދެޓީމަކީ ސޮކަވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ދިވެހި ސިފައިންގެ ކްލަބްއެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ޖުމްލަ ފަސް ޓީމް ވާދަކުރާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށް ދަތުރު ކުރާނެ އެވެ.
މުބާރާތުގެ ސެމީގެ ފުރަތަމަ މެޗް މިމަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ސެމީގެ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.